19 Jun 2021, 19:26
މާފުށީ ޖަލު ގައިދީއަކު އޯވަޑޯޒް ވެގެން ފަރުވާ އައިޖީއެމްޗްގައި ފަރުވާ ދޭން ފަށައިފި އެވެ.
އޯވަޑޯޒްވެގެން ފަރުވާދެމުން ގެންދަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމް ތަންފީޒުކުރަމުންދާ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ, އޭނާގެ އޯވާޑޯޒްވެގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށީ ރޭގެެ ވަގުތެއްގައެވެ.
"މާފުށީ ޑޮކްޓަރު ބެލި ބެލުމުން އެނގުނީ އޮވަޑޯޒްކަން. ދެން ރޭ ވަގުތުން މާލެ ގެނައީ," އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ބުނީ, އޯވަޑޯޒްވީ ސީދާ ކޮއްޗެއް ބޭނުންކޮށްގެން ކަމެއް އަދި ކަށަވަރު ނުވާ ކަމަށެވެ. މިހާރު ޓެސްޓުތައް ހަދަމުންދާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
"އަދި ހެދި ޓެސްޓުތަކުގެ ނަތީޖާ ނުލިބޭ" އޮފިޝަލު ވިދާޅުވި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ ބަލާ ޑޮކްޓަރުން ލަފާކުރާނީ އޯވަޑޯޒްވީ ބޭސްތަކެއް ކައިގެންނެވެ. ނަމަވެސް އެއީ ކޮން ކަހަލަ ބޭހެއް ކަމެއް އަދި ނޭނގެ އެވެ.
އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ސުވާލު ކުުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ, "މިވަގުތު އަދި ބުނެދޭކަށް ނޭނގޭ" ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އައިޖީއެމްޗްގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން ވިދާޅުވީ, ޗެކް ކުރުމަށްފަހު, މައުލޫމާތު އަރުވާނެ ކަމަށެވެ.