އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ "ކުޅޭ ކުޅިވަރަކަށް ނުހެދުމަށް" މަހުލޫދު އެދިވަޑައިގެންފި އެވެ.

އެ މައްސަލާގައި މަހުލޫފުގެ ދައުވާ ކުރަން ފޮނުވުމުން އެ މައްސަލާގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންތައް ފުރިހަމަ ކުރުމަށް ޕީޖީ އިން އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެދުމުން، މައްސަލާގައި ޑިޔުޓީ ޕްރޮސެކިޔުޝަން މަރުހަލާގެ ތެރެއިން ސާފުކުރަންޖެހޭ ބައެއްކަންތައް ސާފުކޮށް ހުށަހެޅުމަށް ޕީޖީ އިން ވަނީ އޭސީސީގައި އެދިފަ އެވެ.

އެ މައްސަލަ ޕީޖީ އިން އަނބުރާ ފޮނުވާލާފައިވާކަމަށް އިއްޔެ ވާހަކަ ދެކެވުނު ނަމަވެސް ޕީޖީން ބުނީ މައްސަލަ ފޮނުވާނުލާ ކަމަށެވެ.

މަހުުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރާ ކަންތަކުގައި "ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ" ކަމަށެވެ.

"އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން، ކަންކުރަން ނޭގެންޔާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ." އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ އަށް އިޝާރާތް ކުރައްވައި މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވިކަން ހާމަކޮށް މީގެ ކުރިން އޭސީސީ އިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު އޭރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު މަހުލޫފަށް ދީފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ.

އޭސީސީ އިން ބުނެފައި ވަނީ އެސްއީޒީ ބިލު ފާސްކުރުމަށް ވޯޓު ދިނުމަށް 27 އޮގަސްޓު 2014ގައި މަހުލޫފު މަޖިލީހަށް ހާޒިރުވެފައި ވަނީ މެލޭޝިއާއިން ސީދާ ވޯޓަށް ކަމަށާއި އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން ވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްކަމަށް ބުނެ އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ "ޕޭމެންޓް ރިސީވްޑް" ސްލިޕެއް މަހުލޫފު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީ އަށް ފޮނުވުމުން މަހުލޫފު ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އޭނާއާ މެދު އަބަދު ވެސް އަމަލުކުރަމުން އަންނަނީ ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއްގެ އުސޫލުން ކަމަށެވެ.

އެ މައްސަލާގައި މީގެ ކުރިންވެސް މަހުލޫފު ސަސްޕެންޑުކުރި އެވެ. ނަމަވެސް އޭނާގެ ކޮރަޕްޝަނުގެ މައްސަލައެއް ނެތްކަމަށް އޭސީސީ އިން ރައީސް އޮފީހަށް އެންގުމުން ފަހުން ވަނީ އަލުން މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފަ އެވެ.

އެ މައްސަލާގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން އަނެއްކާ ވެސް މަހުލޫފު ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

ހިޔާނާތުގެ މައްސަލައިގައި ދައުވާކޮށްފި ނަމަ، މަގާމުގައި އެންމެ ދުވަހަކު ވެސް ނުހުންނަވާނެ ކަމަށް މަހްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.