15 Feb 2012, 12:33
އާންމު ރައްޔިތުންގެ މުދަލަށާއި ފުލުހުންގެ ސްޓޭޝަންތަކަށް ގެއްލުންދީ ހެދިކަމުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުސް ސްޓޭޝަންތަކަށް ގެއްލުންދިން މައްސަލައިގައި ޤާނޫނީ އިމުން ބޭރުން ފުލުހުން މީހުން ހައްޔަރުކޮށް، މީހުންނަށް ބޮޑެތި އަނިޔާތައް ކުރާކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވީ ފުލުހުން ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ މި މަހުގެ އަށް ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް ބަޔަކު ނުކުމެ ފުލުހުންގެ ސްޓޭޝަންތަކުގައި ރޯކޮށް ހެދި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި އާންމުން ހައްޔަރު ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކޯޓު އަމުރުގެ ދަށުން ކަމަށެވެ.
"މި މައްސަލަތަކާ ގުޅިގެން މީހުން ހައްޔަރުކޮށްފައި ވާނީ ޤާނޫނީ އިމުގެތެރެއިން. މިކަމުގައި އެންމެ މީހަކު ވެސް ކޯޓު އަމުރެއް ނެތި ހައްޔަރުކޮށްފައެއް ނުވާނެ. އަދި މި ގޮތަށް ހައްޔަރުކުރެވުނު ކޮންމެ މީހަކަށް ވެސް ޤާނޫނީ ގޮތުން ލިބިދޭން ޖެހޭ ޙައްޤުތައް ފޯރުކޮށްދެމުންދާނެ،" ޕޮލިސް އެސިސްޓެންޓް ކޮމިޝަނަރު ވިދާޅުވި އެވެ.
އަލީ ރަޝީދު ވިދާޅުވީ ފުލުހުން މީހުން ހައްޔަރު ކުރުމުގައި އަދި ބަންދުކޮށްފައި ބޭތިއްބުމުގައި ވެސް ޢަމަލުކުރަމުންދާ ގޮތް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި ހިއުމަންރައިޓްސް ކޮމިޝަނުން ބަލަމުންގެންދާ ކަމަށެވެ.
މި މަހު އަށް ވަނަ ދުވަހު ރައްޔިތުންގެ ތަންތަނުގައި ހުޅުޖެހި މައްސަލާގައި މިހާތަނަށް 124 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ރަޝީދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތަށް އައްޑޫ ސިޓީން 74 މީހަލު، ލ. އަތޮޅުން 23 މީހަކު، މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ފުވައްމުލަކުން 17 މީހަކާއި ގއ. އަދި ގދ. އަތޮޅުން ފަސް މީހަކު ހައްޔަރުކޮށްފައިވާ އިރު ހދ. އަތޮޅުން ވެސް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ.
މައްސަލައިގެ ތަހުޤީޤަށް ބޭނުންވާ މީހުން އަދިވެސް ހައްޔަރުކުރަމުން ގެންދާނެ ކަމަށް ޢަލީ ރަޝީދު ވިދާޅުވި އެވެ.