19 Jun 2021, 10:32
ތެހެރާން (މޭ 19) : އީރާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމި ވޯޓު ތައް ގުނަން ފަށައިފިއެވެ.
އަލްޖަޒީރާ ބުނާގޮތުން މިއަދު ހަވީރާ ހަމައަށް އިންތިޚާބު ކާމިޔާބު ކުރައްވާނީ ކޮންބޭފުޅެއްކަން ލަފާކުރަންއެނގޭވަރަށް ވޯޓުގެ ބޮޑުބައި ގުނައި ނިމޭނެއެވެ. އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ހަމަވި 7 ކެންޑިޑޭޓުންގެ ތެރެއިން 3 ކެންޑިޑޭޓުން ރިޔާސީ ރޭހުން ފޭބުމާއެކު އިންތިޚާބުގައި ވާދަކުރެއްވީ 4 ކެންޑިޑޭޓުންނެވެ.
އީރާނުގެ ރިޔާސީ އިމްތިޚާބުގައި ވޯޓުލާން ފަށާފައިވަނީ އިއްޔެ އީރާނުގެ ރަސްމީ ގަޑިން ހެނދުނު 7 ޖެހިއިރު އެވެ. ވޯޓު ފޮށިތައް ބަންދުކުރަން ހަމަޖެހިފައިވަނީ އިރާދަމު 7 ޖަހާއިރު ކަމަށް ވިޔަސް ވޯޓުލާ ބައެއް މަރުކަޒުތަކުގައި ކިޔުތައް އޮތުމުން އެންމެ ފަހުގެ ވޯޓު ފޮށި ބަންދުކޮށްފައިވަނީ މެންދަމު 2 ޖެހިއިރު ކަމަށް އަލްޖަޒީރާ ބުނެއެވެ.

އިބްރާހީމް ރައީސީ
އީރާނުގައި 84 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އީރާނުގައި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 60 މިލިޔަނަށްވުރެ ގިނަ މީހުންނަށް ލިބިފައިވެއެވެ. އިންތިޚާބުގައި ވާދަކުރެއްވި 4 ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާފައިވަނީ އެ ޤައުމުގެ ކުރީގެ އުއްތަމަފަނޑިޔާރު އިބްރާހީމް ރައީސީއެވެ. އޭނާއަކީ ކޮންސަވޭޓިވް ފިކުރުގެ ބޭފުޅެއް ނަމަވެސް އަލްޓްރާ ކޮންޒަވެޓިވް (އެހާ ހަރުކަށި ފިކުރުގެ) ބޭފުޅެއް ނޫނެވެ.
އުމުރުން 60 އަހަރުގެ ރައީސީއަކީ ދީނީ ތަޢުލީމުގެ އިތުރުން އިސްލާމީ ޝަރީއަތުގެ އިތުރުން ޒަމާނީ ގާނޫނުތަކުގެ ރޮނގުން މާސްޓާސް ހާސިލް ކުރައްވައި އަދި ސިޔާސީ ދާއިރާގައާއި ގާނޫނީ ދާއިރާގައި ގިނަ ތަޖްރިބާތަކެއް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އީރާނުގެ ދައުލަތުގެ ވެރިޔާ އަދި ދީނީ މުރުޝިދު އާޔަތުﷲ ޚާމަނާއި އަވާހަރަވުމަށްފަހު އެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ އެއްބޭފުޅަކީވެސް އިބްރާހީމް ރައީސީއެވެ. ނަމަވެސް ހުޅަނގުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި އީރާނުގެ މިހާރުގެ ރައީސް ޑރ. ހަސަން ރޫހާނީ އާ ވާދަކުރައްވައިގެން 2017 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިބްރާހީމް ރައީސީވަނީ ބަލިވެ ވަޑައިގެންފައެވެ.

އީރާނުގެ ރިޔާސީ ކޭންޕޭން
އިބްރާހީމް ރައީސީ އަކީ ކޮރަޕްޝަނާ ވަރަށް އިދިކޮޅު ބޭފުޅެއްގެ ގޮތުގައި މުޅި އީރާނަށް މަޝްހޫރު ބޭފުޅެކެވެ. އީރާނުގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވައިގެންނާއި އޭގެކުރިން ޖުޑިޝަރީގައި އޭނާ އުޅުއްވިއިރުވެސް ރައީސީ މަޝްހޫރުވެފައިވަނީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް މޫނަކަށް ކަނޑުރާއަކަށް ބެލުމެއްނެތި ހުކުމް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޭގެ ސަބަބުން އީރާނުގެ އާންމުންގެ ތެރޭގައި ( ކޮންޒަވެޓިވް ވިސްނުމުގެ މީހުންގެ މެދުގައާއި އިސްލާހީ ވިސްނުމުގެ މީހުންގެ މެދުގައިވެސް) ރައީސީގެ މަޤުބޫލުވެފައިވަނީ އިތުރު ވެފައެވެ. ރައީސީ ވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގަތަސް ދުނިޔޭގެ ބާރުތަކާއެކު އީރާނުން ސޮއިކޮށްފައިވާ ނިޔުކުލިޔަރ އެއްބަސްވުން ދަމަހައްޓާނެ ކަމަށް ވިދާޅުވެފައެވެ.
އީރާނުގައި އޮންނަނީ ފަރުދީ ވެރިކަމެއްގެ ބަދަލުގައި ޑިމޮކްރެޓިކް މުއައްސަސާތަކުގެ މައްޗަށް ބިނާވެފައިވާ އެހެން ނަމަވެސް ވަކި އުސޫލުތަކެއް ފަހަނަޅައި ނުދެވޭފަދަ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއް ކަމުން އީރާނުގެ މައިގަނޑު ސިޔާސަތުތަކާއި ޕްރިންސިޕަލްތަކަކީ ވެރިކަން ބަދަލުވިޔަސް ބަދަލުވާ ގޮތަށް ނޯންނަ ވަރަށް ހަރުދަަނާ އުސޫލުތަކެއްގެ މައްޗަށް އޮންނަ ނިޒާމެކެވެ. މީގެއިތުރުން ގައުމީ މަސްލަހަތަބެހޭ ކަންކަމުގައި ދުނިޔޭގެ ބޮޑެތި ބަރުތަކުގައި އޮންނަ ގޮތަށް ޑީޕް ސްޓޭޓްވެސް އީރާނުގައި މަސައްކަތް ކުރެއެވެ.