އާސެނަލް އިން މިދިޔަ ސީޒަނަށް ފަހު، ސެސް ފެބްރިގާސް އާއި ސާމިރް ނަސްރީ ކުލަބު ދޫކޮށް ދިޔަ ގޮތަށް ކެޕްޓަން ރޮބިން ވެންޕާސީ ނުދާނެ ކަމަށާއި ރެއާލް މެޑްރިޑަށް އޭނާ ދާން އުޅޭ ރިޕޯޓްތައް އާސެނަލްގެ ކޯޗު އާސެން ވެންގާ ދޮގުކޮށްފި އެވެ.

މިސީޒަނުގައި އާސެނަލްގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ވެންޕާސީ އެވެ. ވެންޕާސީ ދަނީ ކޮންމެ މެޗެއް ކަހަލަ ގޮތަކަށް ގޯލެއް ކާމިޔާބު ކުރަމުންނެވެ. ޕްރެމިއާ ލީގުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީވެސް ވެންޕާސީ އެވެ.

"ވެންޕާސީ އަށް އަހަރެން އިތުބާރުކުރަން. އޭނާ އެއް އާސެނަލް ދޫކޮށެއް ނުދާނެ. އާސެނަލް އިން ވެންޕާސީގެ އެހީތެރިކަން ބޭނުންވޭ. އަދި އޭނާ ހުރީ އާސެނަލް އަށް އެ އެހީތެރިކަން ދޭގޮތަށް. ކުރިއަށް އޮތްތާވެސް ވެންޕާސީ މިހާރު ދައްކަމުންދާ ކުޅުން ދައްކާނެކަމަށް އުންމީދުކުރަން." އާސެނަލްގެ ކޯޗު ވެންގާ ބުންޏެވެ.

އާސެނަލްގެ ކުރީގެ ކެޕްޓަން ފެބްރިގާސް އެނބުރި ބާސެލޯނާ އާއި ގުޅުމުން ވެންގާ ވަނީ ކެޕްޓަން ބޭންޑް ވެން ޕާސީ އާއި ހަވާލުކޮށްފައެވެ. ވެން ޕާސީ ކެޕްޓަން ކަން އަދާކޮށްފައިވާ ފުރިހަމަ ކަމާއި މެދު ވެންގާ ވަނީ ތަޢުރީފު ކޮށްފައެވެ.

ހޮލެންޑުގެ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ވެން ޕާސީ އަކީ އެގައުމުގެ ފެޔަނޫޑް ކުލަބުން 2004 ވަނަ އަހަރު 2.75 މިލިޔަން ޕައުންޑަށް އާސެނަލް އަށް ބަދަލުވި ކުޅުންތެރިއެކެވެ.