ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ބޮޑުތަނުން ދަށަށް ހިނގައްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދާއްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ނެގި 3,500އަށްވުރެ ގިނަ ސާމްޕަލްއިން ޕޮޒިޓިވްވެފައިވަނީ 142 މީހުންނެވެ.

މިއީ އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު, 76 ކޭސްގެ މަދުވުމެކެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ, 218 މީހުންނެވެ.

މިދިޔަ އެޕްރީލް މަހު ފެށިގެން ކޭސްތައް މައްޗަށް ދިޔަ ފަހުން މިއީ ކޮވިޑްގެ އަދަދުތައް މިހާރު ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އެޕްރީލް 22 ވަނަ ދުވަހު ޕޮޒިޓިވްވި 258 މީހުންނާއެކު, އޭގެ ފަހުން ރާއްޖޭގެ ކޭސްތައް ދިޔައީ މައްޗަށެވެ,

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ, މާލެ ސީޓީން ޕޮޒިޓިވްވި 51 މީހަކާއި ރަށްތަކުން ޕޮޒިޓިވްވި 88 މީހެކެވެ. އޭގެ އިތުރުން ރިސޯޓުތަކުން ދެ މީހަކު އަދި ސަފާރީއަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު މިހާތަނަށް 71,498 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 65,000 އަށްވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ. އަދިވެސް ބަލި ޖެހިފައި 6,106 މީހަކު އެބަތިބި އެވެ.

ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ރޭ ވަނީ 200މީހުން ހުރަސްކޮށްފައެވެ. މިއަދު ކޮވިޑް ޖެހިގެން މަރުވި ދެ މީހުންނާއެކު މިހާތަނަށް ޖުމްލަ 203 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑްގައި މަރުވި މީހުންގެ އަދަދު 200އިން މައްޗަށް އެރި އިރު, މިއީ ބައްޔެއް ޖެހިގެން މިހާތަނަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ފަހަރެވެ. އެގޮތުން 1982 ވަނަ އަހަރު ރާއްޖޭގައި ފެތުރުނު ޝިގެއްލާ ރޯގާގައި 197 މީހަކު މަރުވި އެވެ.