18 Jun 2021, 17:51
ރާއްޖޭގެ ނޫސްތަކުގެ އެޑިޓަރުން ހިމެނޭ އެޑިޓާސް ގިލްޑް ޖަމިއްޔާގެ ރައީސް ކަމަށް "ސަން"ގެ ކުރީގެ ޗީފް އެޑިޓަރު އަހްމަދު ޒާހިރު (ހިރިޔާ ޒާހިރު) އިންތިހާބުކޮށްފި އެވެ.
މިއަދު އޮންލައިންކޮށް ބޭއްވި ޖަމިއްޔާގެ ފުރަތަމަ ހިންގާ ކޮމިޓީގެ އިންތިހާބުގައި ރައީސްއާއެކު ޖުމްލަ ހަތް މެމްބަރަކު ތިން އަހަރުގެ ދައުރަކަށް އިންތިހާބުކޮށްފައިވެއެވެ.
އެޑިޓާސް ގިލްޑް އުފެއްދެވުމަށްވެސް އިސްކޮށް ހަރަކާތްތެރިވި, ހިރިގާ ޒާހިރު ޖަމިއްޔާގެ ރައީސްކަމަށް އިންތިހާބުވީ, ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގު ވޯޓުންނެވެ.
އިތުރު ބޭފުޅަކު އެ މަގާމަށް ޝައުގުވެރިކަން ފާޅުނުކުރުމުން ހިރިގާ ޒާހިރު އަށް އެ މަގާމަށް އިންތިހާބުކުރުމަށް ނެގި ފެންނަ ނުފެންނަ ވޯޓުން, ޖަލްސާގައި ބައިވެރިވި 10 މީހުން ވޯޓު ދިނީ, އެ މަގާމަށް ހިރިގާ އިންތިހާބު ކުރުމަށް ފެންނަ ކަމަށެވެ.
ނައިބު ރައީސް ކަމަށް ދެ ބޭފުޅަކު އިންތިހާބުކޮށްފައިވެއެވެ. އެގޮތުން ނައިބު ރައީސް (އިދާރީ)އަށް ޝައުގުވެރިކަން ފާޅު ކުރީ ހަމައެކަނި "ވަން އޮންލައިން"ގެ އެޑިޓަރު ސިނާނަން އަލީ އެވެ. އޭނާ އެ މަގާމަށް އިންތިހާބު ކުރުމަށް ތާއީދު ކުރީ ނުވަ މެމްބަރުންނެވެ.
ނައިބު ރައީސް (އެކަޑެމިކް)އަށް ޝައުގުވެރިކަން ފާޅު ކުރީ ހަމައެކަނި "ދަ ޕްރެސް"ގެ އެޑިޓަރު އަލީ ޝައްމާން އެވެ. އޭނާ އެ މަގާމަށް އިންތިހާބު ކުރުމަށް ތާއީދު ކުރީ ނުވަ މެމްބަރުންނެވެ.
އިންތިހާބު ކުރި އެހެން މަގާމުތައް:
ސެކެޓްރީ ޖެނެރަލް - އިސްމާއިލް ނަސީރު, މިހާރު ނޫސް މެނޭޖިން އެޑިޓަރު
- ޓްރެޝާރާ - މިދުހަތް އާދަމް, ރަސް އޮންލައިން, އެޑިޓަރު
- ރިޓަޔާޑް ނޫސްވެރިންގެ ތެރެއިން - އިބްރާހިމް އުމަރު މަނިކު
- ރިޓަޔާޑް ނޫސްވެރިންގެ ތެރެއިން - މުހައްމަދު އާސިފު (މޮންދު)
އެޑިޓާސް ގިލްޑްގެ ފުރަތަމަ ރައީސް ހިރިގާ ޒާހިރު "ސަން"ގެ ޗީފް އެޑިޓަރުކަމުން އިސްތިއުފާ ދިނީ މީގެ ތިން ދުވަސް ކުރިންނެވެ. އޭނާ ވަނީ "ހަވީރު" ނޫހުގެ މެނޭޖިން އެޑިޓަރުކަންވެސް ކުރައްވާފައެވެ. ނޫސްވެރިކަމުގެ އަލިމަސް ގަލަން ހާސިލުކޮށްފައިވާ ހިރިގާއަކީ މިނިވަން ނޫސްވެރިކަމަަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާއަކީ, މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އެއް ބާނީގެ އިތުރުން އަދި އެ ޖަމިއްޔާގެވެސް ފުރަތަމަ ރައީސެވެ.
އެޑިޓާސް ގިލްޑްގައި ހިމެނެނީ, ނޫސްވެރިކަމުގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރި ރާއްޖޭގެ ނޫސްތަކުގެ އެޑިޓަރުންނެެވެ.