ރޭ ދަންވަރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި، 68 އަހަރުގެ މީހާއާ އެކު ކޮވިޑު19 ޖެހިގެން ރާއްޖެ އިން މަރުވި މީހުންގެ އަދަދު 200 ފަހަނައަޅައި، އެ އަދަދު 202 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިއަދު މަރުވެފައި ވަނީ 68 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއީ އެއީ ކޮވިޑް ޖެހިގެން ރާއްޖެ އިން މަރުވި 202 ވަނަ މީހާ ކަމަށެވެ.

އޭނާ މަރުވީ ރޭ ދަންވަރު 2:05ގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑްގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު 200 އަށް ވުރެ މައްޗަށް ދިއުމުން، އެ އަދަދަކީ، ރާއްޖޭގައި އެންމެ ފަހުން ހިނގި ބަލިމަޑުކަން، ޝިގިއްލާގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދަށް ވުރެ އިތުރު އަދަދެކެވެ.

ނަވާރަސަތޭކަ އަށްޑިހަ ދެ ވަނަ އަހަރު ރާއްޖޭގައި ފެތުރުނު ޝިގެއްލާ ރޯގާގައި 197 މީހަކު މަރުވި އެވެ.

އިއްޔެެ އާ ހަމައަށް ރާއްޖެއިން 71،356 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި 64،214 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.