މެންޗެސްޓާ ޔުނައިޓެޑުގެ ފުރަތަމަ އެގާރައަށް ކުޅުމަށް ތައްޔާރަށް ހުރި ކަމަށް އެޓީމުގެ ކެޕްޓަން ނަމެންޖާ ވިޑިޗް ބުނެފި އެވެ. އަނިޔާ އަށް ފަހު ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހުރުމަށް ފަހު މެން ޔުނައިޓެޑުގެ ބެންޗުން ފެނުނު ނަމަވެސް ގިނަ މެޗުތަކަކުން ވިޑިޗް ފެނިފައެއް ނުވެއެވެ.

އުމުރުން 29 އަހަރުގެ ޑިފެންޑަރު ވިޑިޗް އަށް އޯގަސްޓް މަހު ވެސްޓް ބްރޮމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ހުރީ ކުޅުމާއި ދުރުގައެވެ. އަނިޔާ އަށް ފަހު ވިޑިޗް އެންމެ ފުރަތަމަ ކުޅުނު މެޗަކީ ސާބިއާގެ ގައުމީ ޓީމަށް ކުޅުނު މެޗެކެވެ. އެއަށް ފަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އޮޓެލުލް ގަލާޓީ އާއި ދެކޮޅަށް މެންޔުނައިޓެޑް ކުޅުނު މެޗަށް ފަހު ވިޑިވް ފެނިފައެއް ނުވެއެވެ.

"އަހަރެން މިހިރީ މެންޔުނައިޓެޑްގެ ފުރަތަމަ އެގާރައަށް ކުޅުމަށް ތައްޔާރަށް. ކޯޗަށް އަހަރެންގެ ކުޅުން ރަނގަޅު ނަމަ ކޯޗު އަރުވާނެ ކަން ޔަގީން. އަހަރެންނަށް ވެސް އެފުރުސަތު އަދި ލިބޭނެ. ލިބޭ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭތޯ އަހަރެން މަސައްކަތް ކުރާނަން،" ވިޑިޗް ބުންޏެވެ.

ގައުމީ ޓީމު ޔޫރޯ އަށް ކޮލިފައި ނުވުމާއެކު ސާބިއާ ގައުމީ ޓިމަށް ވިޑިޗް ކުޅެން ހުއްޓާލަން އުޅޭ ކަމުގެ ރިޕޯޓްތަކެއް ވެސް ދާދިފަހުން ފެތުރިފައި ވެއެވެ. ޔޫރޯ ކޮލިފައިންގެ ގްރޫޕް ސީގެ ތިންވަނަ އަށް ދިޔަ ޓީމަކީ ސާބިއާ އެވެ. އެގްރޫޕުގެ އެއްވަނާގައި އޮވެ އަންނަ އަހަރު ބާއްވާ ޔޫރޯ މުބާރަތަށް ކޮލިފައިވެފައިވަނީ އިޓަލީ އެވެ.