18 Jun 2021, 12:34
ޓޫރިސްޓުންތަކެއް ގޮވައިގެން އެކްސްކާޝަން އަށް ނިކުމެ އުޅުނު ވ. ފުލިދޫ ލޯންޗެއްގެ ޕެޓްރޯލު ޓޭންކު ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ.
އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒު މިއަދު "ސަން" އަށް ވިދާޅުވީ ފަސް ޓޫރިސްޓުންނާ އެކު އެކްސްކާޝަން ދަތުރެއްގައި ނިކުމެ އުޅުނު ލޯންޗުގެ ޕެޓްރޯލު ޓޭންކު ގޮވައި، ލޯންޗު ދުއްވަން އިން މީހާ އަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ، އިންޖީނުން ކަނިކަނޑައި ޕެޓްރޯލުގައި ރޯވުމުން ކަމަށެވެ. އިންޖީނުން ކަނިކެނޑި އިރު، ލޯންޗުގެ ވަތު ތެރޭގައި ޕެޓްރޯލް ހުރި ކަމަށާއި ޕެޓްރޯލް ޓޭންކް ގޮވީ އެެއާ ގުޅިގެން ކަމަށެވެ.
މިއަދު ހެނދުނު 8:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި މީހާ އަށް އިތުރު ފަރުވާ ދިނުމަށް މިހާރު މާލެ ފޮނުވާލާފައިވާ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.
"މިކޮޅުގައި ނެތް ފެސިލިޓީއެއް ފަރުވާ ދެވޭނެ. ލިބުނު އަނިޔާގެ ތަފްސީލު ދަންނަވާކަށް ނޭނގެ. އެހެންވެ، އިތުރު ފަރުވާ އަށް ސީއެމްބިޔުލާންސްގައި މާލެ ފޮނުވާލާފައި ވަނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ފުލިދޫ ގެސްޓްހައުސް ވިޔަފާރީގައި މަޝްހޫރު ރަށެކެވެ. އެ ރަށުގައި 15 ގެސްޓުހައުސް ހިންގާ އިރު ކޮވިޑް19ގެ ސަބަބުން މިވަގުތު ރަށަށް އަރައި ފޭބުން މަނާކޮށްފައި އޮތުމުން ތިބީ މަދު ޓޫރިސްޓުންތަކެއް ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.