13 Jul 2010, 05:51
10:00
މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓަވަރުގައި އެ ތަނުގެ މުވައްޒަފަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 25 އަހަރުގެ އެ މީހާ ދަންޖެހިފައި ހުއްޓާ ފެނުނީ އެ އާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަކަށް ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި ކެރޭނެއް ބޭނުން ކޮށްގެން މިއަދު ހެނދުނު އޭނާގެ ހަށިގަނޑު ނެގުމަށް ފަހު ހުޅުމާލޭ ހޮސްޕިޓަލުގައި ބާއްވައިފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
އެއާޕޯޓްގައި މަސައްކަތްކުރާ، ނަން ހާމަކުރަން ބޭނުންނުވާ މުވައްޒަފަކު މިއަދު ބުނީ، ދަންޖެހިފައި އެވާ މީހަކީ ގދ. ތިނަދު އަށް އުފަން މީހެއް ކަމަށެވެ. އަދި އޭނާ ރޭ ޑިއުޓީއާ ހަވާލުވީ ތިނެއް ޖަހާކަންހާއިރު ކަމަށާއި އޭނާ ނިމޭނީ ހެނދުނު ހައެއްޖަހާއިރު ކަމަށް ވެސް އޭނާ ބުންޏެވެ.
ވާގަނޑެއް އެލުވައިގެން ޓަވަރުން ބޭރުގައި އޭނާ ދަންޖެހިފައި ވަނީ އޭނާއާ އެކު ޑިއުޓީ އަދާކުރާ ދެ ވަނަ ކުއްޖާ، ކަމަކު ތިރިއަށް ދިޔަ ވަގުތު ކަމަށް ވެސް އެއާޕޯޓުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި އޭގެ ކުރިން އޭނާ ހުރީ އެތާ ތިބި ކުދިން ދެއްކި ވާހަކައަކާ ގުޅިގެން ކޮންމެ ވެސް ވަރަކަށް ހިތްހަމަނުޖެހިފައި ކަމަށް ވެސް އެއާޕޯޓުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެއާޕޯޓުން ވާހަކަ ދެއްކި މީހާ ބުނީ އޭނާ އެތާ މަސައްކަތްކުރާތާ ހަތަރު ވަރަކަށް އަހަރު ވެދާނެ ކަމަށެވެ.