ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އާއި އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހްޓްސްޕާ އާ ދެމެދު ހަދާފައިވާ އެއްބަސްވުން އާކުރާނެ ކަމަށް އެކުލަބުގެ ކޯޗު ހެރީ ރެޑްނެޕް ބުންޏެވެ.

މިސީޒަން ފެށުމުގެ ކުރިން އުމުރުން 26 އަހަރުގެ މޮޑްރިޗް ގެންދިއުމަށް ޗެލްސީ ގަދައަޅާ ގިނަ މަސައްކަތް ތަކެއް ކުރިއިރު ޓޮޓެންހަމް އިން ދިޔައީ އޭނާ ހިފެހެއްޓުމަށް މަސައްކަތް ކުރަމުން ނެވެ. އަދި ޓޮޓެންހަމް ވަނީ އެމަސައްކަތް ކާމިޔާބުކޮށް މި ސީޒަނުގައި ވެސް މޮޑްރިޗް ކުލަބުގައި ބަހައްޓައިފަ އެވެ.

އެކި ފަހަރުތަކުގެ މަތިން ވަކި އަގެއްގައި މޮޑްރިޗް ދޫކޮށްލާނެ ކަމަށް ޓޮޓެންހަމް ބުނެ، އެންމެ ފަހު ވަގުތު އޭނާ އަކީ ކޮންމެ އަގެއްގައި ދޫނުކުރާނެ ކުޅުންތެރިއެއް ކަމަށް ބުނެފައި ވެއެވެ. އޭނާ އަމިއްލަ އަށް ޓޮޓެންހަމް ދޫކޮށް ދާން ބޭނުންކަމަށް ބުނި ނަމަވެސް ކުލަބުން އޭނާ ދޫކޮށްލާފައެއް ނުވެއެވެ.

"މިހާރު މޮޑްރިޗަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއެއް. އެހެންކުމުން އޭނާ ދޫކޮށްލާކަށް އަހަރެމެންނެއް ނުވިސްނަން. މޮޑްރިޗަކީ މޮޅު ކުޅުންތެރިއެއްކަން މިހާރު އެންމެން ވެސް ދަންނާނެ. ޓީމާއެކު މޮޑްރިޗް ހަދާފައިވާ ކޮންޓްރެކްޓް އާކުރާނެ." ރެޑްނެޕް ބުންޏެވެ.

މޮޑްރިޗަކީ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ ކުޑަ އަގެއް ކިއޭނެ ކުޅުންތެރިއެއް ނޫންކަމަށް ރެޑްނެޕް އަދިވެސް ބުނަމުން ދެއެވެ.