17 Jun 2021, 11:54
ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ބަންދުކޮށްފައި ހުރި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ސީލައިފް އެޕާޓުމެންޓު ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި މައްސަލައިގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު އައްމަޓީ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ. އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ މި އަހަރުގެ މާޗު މަސް ތެރޭގަ އެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފަ އެވެ. ލަންކާ އިން ގެނައުމަށް ފަހު މިއަދާ ޖެހެންދެން ވެސް އައްމަޓީ ހުރީ ބަންދުގަ އެވެ.
ނަމަވެސް މިއަދު ބޭއްވި މުއްދަތު މަޖިލީހުގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.
ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށާއި، ޝަރީޢަތަށް ހާޒިރުނުވެ ފިލުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ދައުލަތުން އެދުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ.
ނަމަވެސް ދިފާއުގައި އައްމަޓީގެ ފަރާތުން ބުނެފައި ވަނީ ނުފޫޒު ފޯރުވާނެ ހެއްކެއް ނެތް ކަމަށާއި، ކުރިން ވެސް ފިލާފައި ނުވާނެ ކަމަށާއި ދެން ވެސް ނުފިލާނެ ކަމަށެވެ.
މިއީ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ނިންމައި، އައްމަޓީ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އައްމަޓީގެ މައްޗަށް ކުރާ ދައުވާތައް:
1. ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ހާވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ހިޔާނާތްތެރިވުމުގެ ކުށުގެ 12 (ބާރަ) ދައުވާ.
2ގާނޫނުލްއުގޫބާތު ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ހަވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ހިޔާނާތްތެރިވުމުގެ ކުށުގެ 25 (ފަންސަވީސް) ދައުވާ.
3 ގާނޫނުލްއުގޫޫބާތު ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ހަވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހިޔާނާތްތެރިވުމުގެ ކުށުގެ ފަސް ދައުވާ
މި ކުށްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، ދައުވާތައް ސާބިތުވެއްޖެނަމަ އައްމަޓީގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ފެންނަ ކަމަށް ޕީޖީ އިން ބުންޏެވެ.