ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އާއި ލިޔޯން ރޭ ކުޅުނު މެޗުތައް ކާމިޔާބު ކޮށްފި އެވެ. ބެޔާ ލެވަކޫސަން އަތުން ބާސާ މޮޅުވިއިރު، ލިޔޯން މޮޅުވީ އެޕޯލް ނިކޯސިއާ އަތުން ނެވެ.

ބާސާ އާއި ލެވަކޫސަން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ހަތަރު މިނެޓް ކުރިން އެލެކްސިސް ސަންޗޭޒް ވަނީ ބާސާ އަށް ލީޑު ހޯދައިދީފަ އެވެ. މެޗުގެ 52 ވަނަ މިނެޓުގައި ލެވަކޫސަން އަށް މިކަލް ކަޑްލެޗް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް، އޭގެ ތިން މިނެޓް ފަހުން ސަންޗޭޒް ވަނީ އަލުން ބާސާ އަށް ލީޑު ހޯދައިދީފަ އެވެ. މެޗުގެ 88 ވަނަ މިނެޓުގައި ބާސާގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިއޮނަލް މެސީ އެވެ. މިމެޗު ނިމިގެންދިޔައީ 3-1 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

އެޕޯލް ނިކޯސިއާއި ދެކޮޅަށް ކުޅުނު މެޗުގައި ލިޔޯން އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު އިރު ނިކޯސިއާ އަށް ލިބުނީ އެންމެ ފުރުސަތެކެވެ. ލިޔޯން އަށް ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ގޯލަކަށް ހަދާލެވުނީ އެންމެ ފުރުސަތެކެވެ. އެއީ މެޗުގެ 58 ވަނަ މިނެޓުގައި އެލެކްސެންޑްރޭ ލަކަޒެޓޭ ލިޔޯން އަށް ކާމިޔާބު ކޮށްދިން ލަނޑެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން ލިޔޯން ކުރީގައި އޮވެގެންނެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ވެސް މުހިންމު މެޗުތަކެއް ކުރިއަށް ދާނެ އެވެ. މިރޭ 10:00 ގައި ޒެނިތް އާއި ބެންފީކާ ބައްދަލުކުރާ އިރު، މިރޭ 12:45 ގައި ކުރިއަށް ދާނީ އޭސީ މިލާން އާއި އާސެނަލް ބައްދަލުކުރާ ފޯރިގަދަ މެޗެވެ.