16 Jun 2021, 19:17
ކްލައިމެޓް އެމަޖެންސީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވަން ޖެހޭ ސްޕެޝަލް އެންވޯއީ ފޯރ ކްލައިމެޓް ޗޭންޖްގެ މަގާމަށް މއ. މާންދޫގޭ ސަބްރާ އިބްރާހިމް ނޫރައްދީން ހަމަޖައްސައިފިއެވެ.
މި މަގާމަށް އައްޔަނުކުރެއްވުމާ ހަމައަށް ސަބްރާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ, ފޮރިން ރިލޭޝަންސްގެ މަގާމުގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ކްލައިމެޓް ޗޭންޖް އެންވޯއީގެ މަގާމަށް ސަބްރާ އައްޔަނުކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. ސަބްރާގެ ކުރީގެ މަގާމު ކަމުގައިވާ ފޮރިން ރިލޭޝަންސް ސެކްރެޓަރީ ކަމުގައިވެސް ހުންނެވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.
ސަބްރާ ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ސްޓޭޓް, ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.
މީގެ ކުރިން އޭނާ ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކޮލޮމްބޯގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައިވެސް މަސައްކަތް ކުރައްވާފައެވެ.
ކްލައިމެޓް އެމަޖެންސީ ގާނޫނު ބުނާ ގޮތުގައި ސްޕެޝަލް އެންވޯއީ ފޯރ ކްލައިމެޓް ޗޭންޖުގެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ އިތުރުން ކްލައިމެޓް ޗޭންޖާ ގުޅޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ހާމަކުރުމުގައި އިސް ދައުރު އަދާކުރުން ހިމެނެއެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތކަާ ގުޅޭގޮތުން ރާޢްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރުމަކީވެސް ކްލައިމެޓް ޗޭންޖް އެންވޯއީގެ ޒިންމާއެކެވެ.