އައްޑޫ ދަރުބާރުގެ، އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހިންގާ އެ ސަރަހައްދުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ބިޑް ހުށަހެޅުމުގެ މުއްދަތު އިއްޔެ ހަމަވިއިރު އެއްވެސް ފަރާތަކުން އެތަން ހިންގުމަށް ކުރިމަތިލާފައި ނުވާކަމަށް މި ސިޓީގެ ކައުންސިލުން ބުނެފި އެވެ.

އީސީސީގެ ބިޑް ހުޅުވުން އިއްޔެގެ 2:30ގައި އޮތް ނަމަވެސް އެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާކަމަށް ސިޓީ ކައުންސިލްގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދީފަ އެވެ.

"ބީލަން ފޮތް ގަތް ފަރާތަކުންވެސް ބިޑް ހުށައެއް ނާޅާ. އަޅުގަނޑުމެން އމުއްދަތު އިތުރުކުރީ ވެސް އެބޭފުޅުން ބުނެގެން. އެކަމަކު އެއްވެސް ފަރާތަކުން އިއްޔެގެ ބައްދަލުވުމަށް ބިޑް ހުށަހަޅަން ވަޑައެއް ނުގަންނަވައި،" އޮފިޝަލް ވިދާޅުވި އެވެ.

ސަތޭކަ ފަންސާސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ސާކު ސަމިޓަށް އައްޑޫގައި ބިނާ ކުރި ކޮންވެންޝަން ސެންޓަރު އިންޓަނޭޝަނަލް ބީލަމަށް މިދިޔަ ޑިސެމްބަރު ހުޅުވާލުމުން ބިޑް ފޮތް ގަނެފައި ވަނީ ތިން ފަރާތަކުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެއީ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވި ސ. ހިތަދޫ ޒަމާނީގެ އަބްދުﷲ ޝާހިދު އާއި ސިންގަޕޫރުގެ ޖޭސަން ގްލޯބަލް އަދި އެމްވީކޭ އިންނެވެ.

ސިޓީ ކައުންސިލުން އީސީސީ ހިންގުމަށް ހުޅުވާލީ އެތަނާ ގުޅިފައިވާ 67 ހެކްޓަރުގެ ބިމުގައި 100 އެނދުގެ ސިޓީ ހޮޓަލެއް ބިނާކޮށް ހިންގުމަށެވެ.

އެއްވެސް ފަރާތަކުން އީސީސީ ހިންގުމަށް ކުރިމަތިލާފައި ނުވާއިރު ބިޑާ ގުޅޭ މައުލޫމާތު ސާފުކުރުމަށް މިދިޔަ ޑިސެމްބަރު މަހު ބޭއްވި ބައްދަލުވުމަށް ފަސް ފަރާތަކުން ވަނީ ހާޒިރުވެ މައުލޫމާތު ސާފުކޮށްފަ އެވެ.

އޮފިޝަލް ވިދާޅުވީ އީސީސީ ހިންގުމަށް އެއްވެސް ފަރާތަކުން ކުރިމަތި ނުލުމުން އެތަން އަލުން ބިޑަށް ލުމާ މެދު މިހާރު މަޝްވަރާ ކުރަން ފަށާފައިވާ ކަމަށާއި އެތަނާ މެދު ހަނދާނެ ގޮތެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

އީސީސީ އަށް އެއްވެސް ފަރާތަކުން ޝައުގުވެރި ނުވީ އިރު މިދިޔަ ހަފްތާ މިސިޓީގައި ހިންގި ހުޅުޖެހުމުގެ ހަރަކާތްތަކުން މިރަށުގެ ވިޔަފާރިވެރިން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.