15 Feb 2012, 11:11
މިމަހުގެ އަށް ވަނަ ދުވަހު ކުޅުދުއްފުށީގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހދ. ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް ފާރޫގު މުހައްމަދު ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބު އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ މި މަހު އަށް ވަނަ ދުވަހު އެ ރަށުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކުޅުދުއްފުށިން މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ނުވަ މީހުންގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން އާންމުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ޝައްކުކުރެވޭ ބައެއްފަރާތްތައް ތަހުގީގު ކުރުމަށް ފުލުހުން ދާނީ ހައްޔަރުކުރަމުން. އަދި އެމީހުން ހައްޔަރުކުރަނީ ކޯޓްއަމުރުގެ ދަށުން،" ޝިޔާމު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި މިހާތަނަށް ނުވަ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް ފާރޫގުގެ އިތުރުން ހދ. އަތޮލު ކައުންސިލްގެ ރައީސް މުހައްމަދު ޝުކޫރު ވަނީ ފުލުހުން އިއްޔެ ހައްޔަރު ކޮށްފަ އެވެ.