މާލެ އަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ޓުއަރިސްޓް ވިޔަފާރިތަކުން ލިބޭ ނަފާއިން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން އަންނަ ޓުއާ ގައިޑުންނާއި ސުވެނިޔާ ވިޔަފާރި ހިންގާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް މޯލްޑިވްސް ޓުއާގައިޑް އެސޯސިއޭޝަން އިން ބުނެފި އެވެ.

އެ އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ރާއްޖެ އަށާއި މާލެއަށް އައިސްފައިވާ ސިޔާސީ ހަލަބޮލިކަމުން، ދުވާލަކު މާލެ އަންނަ ޓޫރިސްޓުންގެ އަދަދު 500 އަށް ވުރެ ގިނަ އަދަދަކުން މަދުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޓުއަރިސްޓް ވިޔަފާރިކުރާ ފަރާތްތަކަށް ދުވާލަކު ގާތްގަނޑަކަށް 50000 ޑޮލަރާއި ގާތްކުރާ އަދަދަކަށް ގެއްލުންވަމުން އަންނަ ކަމަށެވެ.

"ދުވާލެއްގެ މައްޗަށް 500 އާއި 700 އާއި ދެމެދުގެ އަދަދަކަށް މާލެ އަށް ޒިޔާރަތްކުރާ ފަތުރުވެރިން މާލެ އައުން މެދުކެނޑުމުން ދުވާލަކު ގާތްގަނޑަކަށް 50000 ޑޮލަރާއި 80000 ޑޮލަރާއި ގާތްކުރާ އަދަދަކަށް ގެއްލުން ވަމުންދޭ،" އެސޯސިއޭޝަންގެ ނައިބް ރައީސް ސޮއިކޮށް ފޮނުއްވާފައިވާ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އަދި ރާއްޖެ އަށް ޗުއްޓީ ހޭދަކޮއްލަން ޒިޔާރަތްކުރާ ގިނަ ފަތުރުވެރިންނަކީ ވެރިރަށް މާލެ އަށް ޒިޔާރަތްކޮށް މާލެދެކިލަން ބޭނުންވާ ބަޔަކަށްވާ ހިނދު މިދަނޑިވަޅުގައި ރިސޯޓްތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށާއި މާލެއަށް ޒިޔާރަތް ކުރެވޭނެ ފަދަ މާހައުލެއް ގާއިމް ކޮށްދެއްވުން އެދި ކަމާ ބެހޭ ފަރާތްތަކަށް އެބަޔާނުގައި ގޮވައިލައިފަ އެވެ.

"ސިޔާސީ ޕާޓީތަކާއި ޓޫރިޒަމް މިނިސްޓަރީ އާއި މަޓާޓޯ އާއި މަޓީއާއި މާލޭ ސިޓީ ކައުންސިލާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ފަތުރުވެރީން މާލެއަށް ޒިޔާރަތްކުރެވޭނެ ފަދަ މާހައުލެއް ގާއިމް ކޮށްދެއްވުން އެދި ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.