15 Feb 2012, 10:48
އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި ވިކްޓަރީއާ ދެކޮޅަށް ނުކުންނަ އިރު ރާއްޖޭގެ ފިނި ހޫނު މިނާމެދު ޓީމުގެ އެއްވެސް ކުޅުންތެރިއެއްގެ ޝަކުވާއެއް ނެތް ކަމަށް މިއަދު ހެދުނު މާލެއާ ޔަމަނުގެ އަލް ތިލާލާގެ ޓީމް ކޯޗް ނޫރައްދީން އަބްދުލް ގަނީ ބުނެފި އެވެ.
ގަތަރު އެއާލައިނުން މިއަދު ހެދުނުގެ ވަގުތެއްގައި މާލެއާ ޔަމަނުގެ އަލް ތިލާލާގެ ޓީމުގައި 18 ކުޅުންތެރިންނާ އެކު 10 އޮފިޝަލުން ހިމެނެ އެވެ. އަދި އަލް ތިލާލާގެ ޓީމު މާލޭގައި ތިބުމަށް ހަމަޖެހިފައި ވަނީ ނަސަންދުރަ ޕެލަސް ހޮޓަލްގަ އެވެ.
ސަން މީޑިއާ ގްރޫޕަށް ދިން އިންޓަވިއުގައި ޔަމަނުގެ އަލް ތިލާލާގެ ކޯޗް ނޫރައްދީން ބުނީ، ހޮނިހިރު ދުވަހު ވިކްޓަރީއާ ދެކޮޅަށް ނުކުންނަ އިރު ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް އަނިޔާވެފައި ނުވާކަމަށާއި އެ ދުވަހުގެ މެޗަށް ޓީމް ނުކުންނާނީ މެޗް ކާމިޔާބު ކުރުމުގެ އުންމީދުގައި ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ މެޗަށް ތައްޔާރުވުމުގެ ގޮތުން ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް މިއަދު ފަށާނެ ކަމަށް ވެސް ނޫރައްދީން ބުންޏެވެ.
"ބޭނުމީ މެޗުން މޮޅުވާން. ޓީމުގައި ތިބީ ޒުވާން ގިނަ ކުޅުންތެރިންތަކެއް. ޔަމަންގެ ފިނިހޫނު މިނާ ރާއްޖޭގެ ފިނިހޫނުމިން އެއްގޮތް. ރާއްޖޭގެ ފިނި ހޫނު މިނާ މެދު ޓީމުގެ އެއްވެސް ކުޅުންތެރިއެއް ސަކުވާއެއް ނެތް،" ނޫރައްދީން ބުންޏެވެ.
ނޫރައްދީން ބުނީ، ރާއްޖޭގެ ގައުމީ ޓީމް ތަމްސީލް ކުރާ ގިނަ ކުޅުންތެރިންތަކެއް ވިކްޓަރީގެ ސްކޮޑުގައި ތިބި ނަމަވެސް، ވިކްޓަރީ އަކީ ބަލި ޓީމެއް ނޫން ކަމަށެވެ.
"ވިކްޓަރީއަކީ ބަލި ޓީމެއްނޫން. ރާއްޖޭގެ ގައުމީ ޓީމް ތަމްސީލް ކުރާ ގިނަ ކުޅުންތެރިންތަކެއް ވިކްޓަރީގެ ސްކޮޑުގައި ތިބި ނަމަވެސް، އަހަރެންގެ ޓީމުގެ ކުޅުން ތެރިން ތިބީ މެޗުން މޮޅުވާން ބޭނުންވެފައި،" ނޫރައްދީން ބުންޏެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:15 ގައި ޔަމަންގެ އަލް ތިލާލާގެ ޓީމާ ދެކޮޅަށް ވިކްޓަރީ ކުޅޭ މެޗުގެ. މެޗް ކޮމިޝަނަރަކީ ސްރީލަންކާގެ ފުޓްބޯޅަ ފެޑަރޭޝަންގެ ނައިބު ރައީސް ސުނިލް ސެނަވީރާ އެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުން ވިކްޓަރީ އަށް ޖާގަ އޮތީ ޕްލޭއޮފްގައި އަލް ތިލާލް އަތުން މޮޅުވެގެންނެވެ. މިމެޗުން ވިކްޓަރީ ބަލިވެއްޖެ ނަމަ މުބާރާތުން އަލްވަދާއު ކިޔަން ޖެހޭނެ އެވެ.