15 Jun 2021, 13:08
އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގައި ސެކިއުލާ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ތުހުމަތުކުރައްވައިފި އެވެ.
އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް އެ ބިލުގައި ހުށަހަޅާފައި ވާއިރު އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.
މިހާރު މަޖިލީހުގައި އެ ބިލަށް ބަހުސް ކުރަމުން އަންނަ އިރު، ޝަރީފް ވިދާޅުވީ ރާއްޖޭގައި މިހާރު ހެދިފައި ހުރި ގާނޫނުތަކުން ވެސް، ނަފްރަތު އުފެއްދުން ނުވަތަ ހޭޓް ސްޕީޗް ދިނުމަކީ މަނާކަމެއް ކަމާއި އެއީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ.
އެގޮތުން އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރާ ގާނޫނާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ވެސް މަނާކަމެއްކަން މެމްބަރު ފާހަގަކުރެއްވި އެވެ.
ގާނޫނުތަކުން އެކަން މަނާކޮށްފައި ވަނިކޮށް، ސަރުކާރުން ކުއްލިއަކަށް މިފަދަ ބިލެއް ހުށަހެޅީ "މި ވަގުތަށް ލިބޭ ފައިދާއަށް ވިސްނައިގެން" ކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި އެ ބިލުގެ ހަގީގީ ބޭނުމަކީ "ލާދީނީ" އޭ ކިޔުން ހުއްޓުވުން ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިބާވަތުގެ އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން ލޭ ހުއްދަވާ ހިސާބަށް ކަންތައްތައް ދަނީ އެ މައްސަލަތަކުގެ ތެރެއަށް އެތައް ކަންތައްތަކެއް ގަޑުބަޑުކޮށް، ދީނީ މައްސަލަތަކާ ސިޔާސީ ކަންތައްތަކާ އެތައް ނުފޫޒެއް އޭގެ ތެރެއަށް ވައްދައިގެން،" މެމްބަރު ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުން ވަނީ، ލޭހުއްދަކުރުން ދިފާއުކުރާ މޭރުމަކުން ޝަރީފް ވާހަކަދައްކަވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ނަމަވެސް ޝަރީފް ވިދާޅުވީ ލޭ ހުއްދަ ކުރުމަކީ އިސްލާމް ދީނުގައި އެއްގޮތަކަށް ވެސް ހުއްދަ ކަމެއް ނޫން ކަމަށާއި ބިލާ މެދު ކަންބޮޑުވުން ފާޅުކުރަނީ، އެ ބިލުގެ ސަބަބުން އިސްލާމް ދީނުގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.
"ﷲގެ ޒާތުފުޅާ ގުޅިގެން ވާހަކަދެއްކާ މީހާ ޖަލަށް ދާން ޖެހިދާނެ.، ﷲގެ ޒާތުފުޅަށް ކުޑައިމީސްކޮށް، އިސްލާމްދީނަށް ނިކަމެތިވާ ކަންތައްތަކުގެ ވާހަކަ މީހަކު ދެއްކީމާ އެކަމާ ގުޅިގެން އެއްޗެއް ބުނާ މީހާ ވެސް ޖަލަށް ލާނެ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެކަމުގެ ކުރުމުގެ ނަތީޖާއަކަށް ވާނީ ރާއްޖޭގައި އިސްލާމީ ހަޟާރާތު ފެތުރުމަށް ވެސް މީހުން ކަންބޮޑުވުން ކަމަށެވެ. އަދި އިސްލާމީ ތަރުބިއްޔަތާއި ޙަޟާރަތު ފެތުރުން ކަންބޮޑުވާ މިންވަރަށް ހަނިވެގެންދާނެ ކަމަށާއި ރާއްޖޭގައި އިސްލާމީ ވަހުދަތު ރައްކާތެރިކުރަން ވެސް ބިލުގެ ސަބަބުން ހުރަސް އެޅިގެންދާނެ ކަމަށެވެ.
މި ބިލަކީ ގާނޫނުއަސާސީއާ ވެސް ފުށޫއެރުންތަކެއް ހުރި ބިލެއް ކަމަށް ވިދާޅުވެ ޝަރީފް ވިދާޅުވީ، އެމްޑީޕީ މެމްބަރުން އެ ބިލުގެ ދިފާއުގައި އެހާ ބޮޑަށް މަސައްކަތްކުރާ ސަބަބުން ސާފުވެވަޑައިގަންނަވާ ކަމަށެވެ.
"ތިބޭފުޅުން ތިހާވަރަށް މި ބިލުގެ ދިފާއުގައި މަސައްކަތް ކުރައްވަމުން ތި ގެންދަވީ ސީދާ މި ބިލަކީ ބޭރުގެ ބައެއްގެ ނުފޫޒުގައި މިތަނަށް ގެނެސް އޮތް ބިލަކަށް ވާތީ. ހަމަ ހަގީގަތުގައި ވެސް ރާއްޖޭގައި ސެކިއުލަރިޒަމް، ރާއްޖޭގައި ސެކިއުލާ ދައުލަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހިނގަމުންދާ ބިލެއް މީ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މަޖިލީހުން ބިލު ފާސް ކުރި ނަމަވެސް، ބިލު ތަންފީޒުކުރަން ރައްޔިތުން ބޭނުންނުވާނެ ކަމަށެވެ. އަދި ބިލު ފާސްވިޔަސް، އެ އިސްލާހު ތަންފީޒުނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ.
އެ ބިލާ ގުޅިގެން ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ދީނީ އިލްމުވެރިން އަންނަނީ ވާހަކަދައްކަމުންނެވެ.
އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.