15 Jun 2021, 11:43
ދަ ހޭގް (ޖޫން 15): ފިލިޕީންސްގެ ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ 'ހަނގުރާމައިގައި' ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޖަރީމާތަކުގެ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދިޔުމަށް އިންޓަނޭޝަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓަރު ފަތޫ ބެންސޫދާ ގޮވާލައްވައިފި އެވެ.
ބެންސޫދާ ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ފުރިހަމަ ތަހުގީގަކަށް ތައްޔާރުވުމުގެ ގޮތުން 2018އިން ފެށިގެން ކުރިއަށް ގެންދިޔަ ޕްރިލިމިނަރީ ތަހުގީގުން ދެއްކި ގޮތުގައި، ފިލިޕީންސްގައި ޖުލައި 2016 އާއި މާޗް 2019އާ ދޭތެރޭ އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގާފައިވާ ކަމަށް ގަބޫލު ކުރެވެން އެބަ އޮތެވެ.
އެގޮތުން އެ ތަހުގީގަށް ލިބުނު މައުލޫމާތުން ދޭހަވާ ގޮތުގައި ފިލިޕީންސްގެ ފުލުހުންނާއި އެމީހުންނާ އެއްކޮށް މަސަައްކަތް ކުރި ބަޔަކު ވަނީ އެ މުއްދަތުގައި ގަވާއިދާ ހިލާފަށް އެތައް ހާސް މީހުން މަރާފައި ކަމަށް ބެންސޫދާ ވިދާޅުވި އެވެ.
އެ ތަހުގީގު ފެށުމާ ގުޅިގެން، ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭގެ އަމުރަށް އެގައުމު ވަނީ 2019ގައި އައިސީސީން ވަކިވެފަ އެވެ.
ބެންސޫދާ ވިދާޅުވި ގޮތުގައި ފިލިޕީންސް އަކީ މިހާރު އައިސީސީގެ މެމްބަރަކަށް ނުވި ނަމަވެސް، އެގައުމު ކޯޓުގެ މެމްބަރެއްގެ ގޮތުގައި އޮތް ދުވަސްވަރު ހިންގި ކަމަށް ބެލެވޭ ޖަރީމާތައް ތަހުގީގު ކުރުމުގެ ބާރު ކޯޓަށް ލިބިފައިވެ އެވެ. އަދި އޭނާގެ ޗީފް ޕްރޮސެކިއުޓަރު ކަމުގެ ދައުރު މިއަދު ނިމޭތީ އޭނާ ވަނީ އެ މަގާމާ ދެން ހަވާލުވެވަޑައިގަންނަވާ ބޭފުޅަކާ އެ މައްސަލައިގެ ތަހުގީގު ހަވާލު ކުރަން އެދިލައްވާފަ އެވެ.
ދެހާސްސޯޅަ ވަނަ އަހަރު ފިލިޕީންސްގެ ވެރިކަމަށް ޑުޓާޓޭ ވަޑައިގެންނެވި ފަހުން އެގައުމުން މަސްތުވާތަކެތި ނައްތާލުމަށް ފެށި ހަނގުރާމައިގައި މަރާލި މީހުންގެ އަދަދު 6،000 އަށް އަރާކަމަށް އެގައުމުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕުތަކުން ބުނާ ގޮތުގައި އެހަނގުރާމައިގައި މަރުވި މީހުންގެ އަދަދު އެއަށް ވުރެ އިތުރުވާނެ އެވެ.