15 Feb 2012, 10:37
ކުށްމަދުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ރާއްޖޭގެ ސަރަހައްދު ވަރަށް ބޮޑަށް ބަލަހައްޓަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ވަނީ މާލެ އާއި އަތޮޅުތަކުގައި އިއްޔެ އިން ފެށިގެން ކުށްމަދު ކުރުމުގެ ގޮތުން ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.
އެގޮތުން ކަނޑާއި ވައިގެ މަގު ބަލަހައްޓަމުން އަންނަ އިރު ކާރުތަކުގެ ޑިކީގެ އިތުރުން އެހެނިހެން ތަންތަން ވެސް ޗެކްކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރަށް ވުރެ ބޮޑަށް ރަށުތެރެ ބަލަހައްޓަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ސްޕޯކްސް ޕާސަން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވީ ޕޮލިސް ސްޓޭޝަންތަކުގައި ރޯކޮށް ގެއްލުންދީ ފުލުހުން ޒަޚަމްކޮށްފައިވީ ނަމަވެސް ފުލުހުންގެ އެހީ ހުރިހާ ރަށަކަށް ވެސް ލިބޭނެ ކަމަށާއި ހުރިހާ ރަށެއްގައި ވެސް ކުށްމަދު ކުރުމުގެ އޮޕަރޭޝަން ހިންގާނެ ކަމަށެވެ.
ރަޝީދު ވިދާޅުވީ ބުދަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ރަށްރަށުގެ ސްޓޭޝަންތަކަށް ގެއްލުންދީ ހެދި ނަމަވެސް ފުލުހުންގެ އިންޓެލިޖެންސްގެ އެހީގައި މަސައްކަތް ކުރަމުންގެންދާނެ ކަމަށެވެ. އަދި މާލެ ތެރެ ބެލެހެއްޓުމުގައި ކެޕިޓަލް ޕޮލިހުން ހަރަކާތްތެރި ވަމުން ދާނެ ކަމަށް ވެސް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
މާލެ އާއި އަތޮޅުތަކުގައި ކުށްމަދު ކުރުމަށް އޮޕަރޭޝަންތަކެއް ފުލުހުން ހިންގަން ފަށާފައިވާ އިރު ރަށްރަށުން ފުލުހުން ބޭލުމަށް ކައުންސިލަތަކުން ގަރާރުފާސްކޮށްފައިވީ ނަމަވެސް މިހާރު އެ ރަށްރަށުން ދަނީ ފުލުހުންގެ އެހީއަށް އެދެމުންނެވެ.