15 Feb 2012, 10:14
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމުން ރާއްޖޭގައި އިންޑިޔާ އަށް ވުރެ ޗައިނާގެ ނުފޫޒު ގަދަވެގެން ދާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު އިންޑިޔާ އަށް އިންޒާރު ކުރައްވައިފި އެވެ.
އައިބީއެން ލައިވްގައި އިއްޔެ ލިޔެފައިވާ ހަބަރެއްގައި ވަނީ ރާއްޖޭގައި ޗައިނާ އަށް ވުރެ އިންޑިޔާގެ ނުފޫޒު ކުޑަވެގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ "ވެރިކަން ވެއްޓުނު އިރު އެކަން ހުއްޓުވަން އިންޑިޔާ އިން އެހީތެރި ނުވުމުން އެކަމާ ހިތްޕުޅާ ނުވާ" ކަމަށެވެ.
"އިންޑިޔާ ދެކެ މާބޮޑަށް ލޯބިވާ ބޭފުޅެއް ކަމަށް އަމިއްލަފުޅަށް ވިދާޅުވާ ނަޝީދު ވިދާޅުވީ ކުރީގެ ޚުދުމުހުތާރު ވެރިޔާ އަބުދުލްގައްޔޫމުގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ އާ ހިލާފަށް އެމަނިކުފާނުގެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ]އެމްޑީޕީ[ އަކީ ވިސްނުމުގެ ގޮތުން އިންޑިޔާ އަށް މާތާއީދު ކުރާ ޕާޓީއެކެވެ." އައިބީއެން ލައިވްގައިވެ އެވެ.
ރައީސް ނަޝީދުގެ ސަރުކާރަށް ރަނގަޅަށް މަސައްކަތް ނުކުރެވޭ ކަމަށް އިންޑިޔާ އިން ގަބޫލުކުރާ ނަމަ ޕީޕީއެމްއަކީ އޭގެ ބަދަލުގައި ނަގަން އެއަށް ވުރެ ރަނގަޅު ބައެއްތޯ އެމަނިކުފާނު ސުވާލުކުރެއްވި ކަމަށް ވެސް އެނޫހުގައިވެ އެވެ.
"އެމީހުންނަށް ]އިންޑިޔާ އަށް[ އިންޑިޔާ ކަނޑުގައި އަދާކުރެވޭނެ ދައުރާއި ކުރެވޭނެ ކަންތައްތަކާ މެދުގައި އަދި އަޅުގަނޑުމެންނާއި އިންޑިޔާއާ ދެމެދުގައިވާ ގުޅުމާ މެދު، ޕީޕީއެމްއާ ހިލާފަށް އަޅުގަނޑުމެންނަކީ ގަބޫލުކުރާ މީހުންގެ ގްރޫޕެއް، " ރައީސް ނަޝީދު ވިދާޅުވި ކަމަށް އައިބީއެން ލައިވްގައިވެ އެވެ.
ރާއްޖޭގެ ހާލަތު އޮތް ގޮތެއް ނުބަލައި، އުފެނު މައްސަލަ ގަނޑަށް އިންޑިޔާ އިން ޖަވާބުދާރީ ވުމުން ހިތްހަމަޖެހިވަޑައި ނުގެން ހުންނެވިކަން މިދިޔަ ހަފުތާގައި ރައީސް ނަޝީދު ފާޅުކުރައްވާފައިވާ ކަމަށް ވެސް އައިބީއެންލައިވްގެ ހަބަރުގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދާ ހަވާލާދީ އެ ނޫހުގައި އަދި ވަނީ ޗައިނާއާ އެކު ސަލާމަތީ އެއްބަސްވުން އާ ކުރަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން ޝައުގުވެރިވާތީ ޗައިނާގެ ހަރަކާތްތެރިވުން ރާއްޖޭގައި ދެން އިތުރުވެގެންދާތަން ފެންނާނެ އެވެ.