މާލޭގައި ގޭންގުތައް ހަރަކާތެރިވާ ސަރަހައްދުތަކުން ބަނގުރާ ހުސްކުރި ފުޅިތަކާއި މާރާމާރީ ހިންގުމަށް ބޭނުން ކުރާ ޒާތަކުގެ އެއްޗެހި ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ މާލެ ސިޓީއަކީ އަމާން އެންމެނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ޓަކައި އޮޕަރޭޝަން ކޮމާންޑުން އިއްޔެ ފެށި ޚާއްސަ އޮޕަރޭޝަނުގައި އާންމުކޮށް ގުރޫޕްތައް ހަރަކާތްތެރިވާ ސަރަހައްދުތައް ބަލައި ފާސްކުރި އިރު ބަނގުރާ ހުސްކުރި ހަތް ފުޅި އާއި ބަނގުރާ ހުސްކުރި ދެ ދަޅުގެ އިތުރުން މާރާމާރީ ހިންގުމަށް ބޭނުންކުރެވޭ ޒާތުގެ ލަޓިބުރިތަކާއި ދަނގަޑު ބުރިތަކާއި ވަޅިއަކާއި ކޯރާޑީ އާއި މަރުތެޔޮ ފަދަ ތަކެތި ފެނިފައިވާ ކަމަށެވެ.

ފުލުހުން އިއްޔެ ފެށި އޮޕަރޭޝަންގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ ސިޓީ ޕޮލިހާއި، ޓްރެފިކް ޕޮލިހުގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ކުރިއަށް އޮތްތަނުގައި ވެސް މާލޭގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރަމުންދާނެ ކަމަށެވެ.