14 Jun 2021, 13:29
ކޮވިޑްގެ ސަބަބުން ފަސްކުރި ކޮޕާ އެމެރިކާ 2020 ރޭ ފެށި ނަމަވެސް އެ މުބާރާތް ކުރިއަށްދާ ބްރެޒިލްގައި ކޮވިޑް ފެތުރުން ހުއްޓުމަށް އަޅާފައިވާ ފިޔަވަޅުތައް ބަލިކަށިވެ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ވެނެޒުއެލާ އަތުން ބްރެޒިލް 0-3 އިން ވަނީ މޮޅުވެފަ އެވެ. އަދި ދެވަނަ މެޗުގައި އިކުއެޑޯ އަތުން ކޮލަމްބިއާ 0-1 އިން ކުރި ހޯދި އިރު، މިރޭ އޮތީ މިދިޔަ ފަހަރުގެ މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ވާދަކުރި އާޖެންޓީނާއާއި ޗިލީ ބައްދަލު ކުރާ މެޗެވެ.
މި ފަހަރުގެ ކޮޕަ އެމެރިކާ ހޯސްޓް ކުރަން އެންމެ ފުރަތަމަ ދީފައި އޮތީ އާޖެންޓީނާ އާއި ކޮލަމްބިއާ އަށެވެ. އެކަމަކު ކޮވިޑްގެ ހާލަތާއި އެހެނިހެން ސަަބަބުތަކާ ހުރެ އެ ދެ ގައުމުގައި މުބާރާތް ހޯސްޓް ނުކުރެވުމުން ފުރުސަތު ދިނީ ބްރެޒިލަށެވެ. ބްރެޒިލްގައި ވެސް ކޮވިޑްގެ ހާލަތު ގޯސްކޮށް އޮއްވައި މި މުބާރާތް ބާއްވާތީ ގިނަ ބަޔަކު ހިތްހަމަ ނުޖެހުނެވެ. އެއާ އެކު ކޮޕާ އެމެރިކާ ނުބޭއްވޭނެ ކަމަށް ބުނަމުން ދަނިކޮށް މުބާރާތް ބޭއްވޭނެ ކަމަށް ބްރެޒިލްގެ ސުޕްރީމް ކޯޓުން ނިންމީ އެވެ.
މި މުބާރާތުގެ ޓީމުތަކުން ގިނަ އަދަދަކަށް މީގެ ކުރިން ވެސް ކޮވިޑް ކޭސްތައް ފެނުނު އިރު، ރޭ ބްރެޒިލް ކުޅުނު ވެނެޒުއެލާއިން ވެސް މީގެ ހަފުތާއެއް ކުރިން ވަނީ 12 ކޮވިޑް ކޭސް ރިޕޯޓް ކޮށްފަ އެވެ. މިކަންތައްތަކުގެ ސަަބަބުން މުބާރާތް ކުޅެވޭނެ ކަމުގެ ދެ ޙިޔާލެއްގައި ހުރި މެސީ ބުނީ، އަމިއްލަ މީހާ ރިސްކެއްގެ ތެރެއަށް ލާން އެކަކު ވެސް ބޭނުން ނުވާނެ ކަމަށާއި އެކަމަކު ގައުމީ ޓީމަށްޓަކައި މިފަހަރު އެކަމަށް ވެސް ތައްޔާރުވާނެ ޖެހިފައިވާ ކަމަށެވެ.
"އަހަރަމެން އަމިއްލައަށް ކިތަންމެ ވަރަކަށް ވެސް ބެލިދާނެ. އުނދަގުލުން ނަމަވެސް ފިޔަވަޅުތަކަށް ބޯލަނބަމުން މިދަނީ. އެކަމަކު އެހެން ޓީމުތަކުގެ ކުޅުންތެރިންނާ ވެސް ހަމަ ބައްދަލުވާނެތާ. އެހިސާބުން މައްސަލަ މި ޖެހެނީ،" މެސީ ބުންޏެވެ.
މެސީ 33، ބުނީ، ކޮވިޑް ނުޖެހި ވާނެގޮތެއް ވޭތޯ މުޅި އާޖެންޓީނާ ޓީމުން ވެސް ބުރަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެހެން ނަމަވެސް އެހެން ޓީމުތަކާ އެކު މެޗު ކުޅެ، ކޮންޓެކްޓް ވާނެތީ އެކަމުގެ އެންމެ ފުރިހަމަ ފައިދާ ފެނިދާނެތޯ މެސީ ވަނީ ސުވާލު އުފައްދައިފަ އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެެއްގެ މަތިން ހޯދައި، ކުލަބް ލެވެލްގައި އެންމެ ކާމިޔާބު އެއް ކުޅުންތެރާ، މެސީއަށް މިހާތަނަށް ގައުމީ ޓީމާ އެކު ތަށްޓެއް ލިބިފައެއް ނުވެ އެވެ.
"އަހަރެން އަބަދުވެސް ބުނަން އެންމެ ބޮޑު ހުވަފެނަކީ އާޖެންޓީނާއާ އެކު ކާމިޔާބެއް ހޯދުން ކަމަށް. އެކަން ހާސިލް ކުރުމަށް އެތައް ފަހަރަކު ވަރަށް ގާތަށް ވެސް ދެވުނު. މިފަހަރު އެކަން ކާމިޔާބު ކުރަން ވަރަށް މަސައްކަތް ކުރާނަން."