19:00


އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޞްދީޤު ނުކުރައްވައި، ބިލާމެދު އަލުން ވިސްނާވަޑައިގަތުމަށްޓަކައި އެ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.


މި ބިލު އަނބުރާ ފޮނުއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުވުމުން، މިބިލު މިހާރު އެކުލަވާލެވިފައި ވަނީ، އެ އިދާރީ ދާއިރާއެއްގެ ރައްޔިތުންނަށް ލިބެންޖެހޭ، އެ ދާއިރާއެއްގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ހަނިވެގެންދާ ގޮތަށް ކަމަށާއި، މިއީ ދިމިޤްރާތީ އުޞޫލެއް ނޫން ކަމަށް ފެނިވަޑައިގަންނަވާ ކަމަށް އެޓަރނީ ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މި ބިލަކީ، މި ބިލުގެ 1 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި އެހެން އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމާއި، އެ އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ބަދަލުކުރުމުގެ އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނު ކަމާއި، މި ޤާނޫނުން ކަނޑައަޅާ ވެރިކަންކުރާ ރަށް ބަދަލުކުރެވޭނީ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލުން މަޝްވަރާކޮށް، ކަނޑައަޅާ ގޮތެއްގެ މަތިން، އެ އިދާރީ ދާއިރާއެއްގެ ރައްޔިތުންގެ ޢާންމު ސިއްރު ވޯޓަކުން ކަމަށް ބިލުގެ ފަސް ވަނަ މާއްދާގައި ބުނެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެ އެވެ.


މި ބިލު މިހާރު އެކުލަވާލައްވާފައިވާ ގޮތުން، މާލެ ފިޔަވައި އެހެން އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށްރަށް މި ޤާނޫނުން ކަނޑައަޅަނީ، އެ އިދާރީ ދާއިރާއެއްގެ ރައްޔިތުންގެ ލަފަޔާއި މަޝްވަރާ ހޯދުމެއްނެތިކަމާއި، އެހެންކަމުން، އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށްރަށް، ރައްޔިތުންގެ ލަފަޔާއި މަޝްވަރާ ހޯދުމެއް ނެތި، ޤާނޫނަކުން ކަނޑައެޅިގެން ދާ ދިއުމަކީ ދިމިޤްރާތީ އުޞޫލެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ. އަދި އެ އިދާރީ ދާއިރާއެއްގެ ވެރިކަންކުރާ ރަށް ކަނޑައަޅަންވާނީ، އެ އިދާރީ ދާއިރާއެއްގެ ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ. އަދި އެ އުޞޫލާ ޚިލާފުވާ ގޮތަށް، ރައްޔިތުން ބޭނުންވަނީ ކޮން ގޮތަކަށް ކަމެއް ބެލުމެއްނެތި، މިޤާނޫނުން ވަކި ރަށެއް އެއީ، އެ އިދާރީ ދާއިރާގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅާފައިވަނީ، އެ އިދާރީ ދާއިރާއެއްގެ ރައްޔިތުންނަށް ލިބެންޖެހޭ، އެ ދާއިރާއެއްގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ހަނިވެގެންދާ ގޮތަށް ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.