14 Jun 2021, 10:49
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކުއްޖާ ކުޑަކުދިންގެ ހިޔާ އިން ބޭރަށް ގެންގޮސް ޖިންސީ ގޯނާކުރިކަމަށް ބެލެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ޖިންސީ ގޯނާގެ ތުހުމަތުގައި މި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ.
އެ މައްސަލާގައި ފުލުހުން ކޯޓުގައި ބުނެފައި ވަނީ، ޖިންސީ ގޯނާ ލިބުނު ކަމަށް ބެލެވޭ ކުއްޖާ ފެނިފައި ވަނީ އެމީހާގެ ކޮޓަރިން ކަމަށެވެ. އަދި ކުއްޖާއާ އެކު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ހަމައެއާ އެކު އެކުއްޖާއަށް އެ ފިރިހެން މީހާ ކަންތައްތަކެއް ކޮށްދޭ ކަމަށާއި ކުއްޖާ ގްރޫމް ކުރުމަށް މަސައްކަތް ކުރާކަމަށް ބެލެވޭ ފަދަ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
ކޯޓުގައި އޭނާ ބުނެފައި ވަނީ، އެކުއްޖާއަކީ ކުޑަ ކުއްޖެއްކަން އެނގޭ ކަމަށާއި ކުއްޖާއާމެދު ގޯސްކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކުއްޖާއަކީ ހިޔާއިން ނުކުމެގެން އެހެން ތަންތަނަށް ދާ ކުއްޖެއް ކަމަށާއި ހިޔާގެ މުވައްޒަފުންނަށް ވެސް އެކަންކަން އެނގޭނެ ކަމަށެވެ.
ހައްޔަރުކޮށްފައިވާ މީހާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީގެ ރެކޯޑު އޮވެ އެވެ.
އޭނާގެ ބަންދަށް 10 ދުވަސް ދިން އިރު، ކުޑަކުދިންނަށް ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެއްވެސް ތުހުމަތެއް ކޮށްފައި ނުވާކަން ކޯޓުން ފާހަގަކުރި އެވެ.