14 Jun 2021, 10:22
ޓެލްއަވީވު (ޖޫން 12) : އިސްރާއީލުގައި ގިނަ ޕާޓީތަކެއް ހިމަނައިގެން އުފެއްދި ކޯލިޝަން ސަރުކާރަށް އެގައުމުގެ ޕާލަމެންޓުގެ ކުޑަ އަޣްލަބިއްޔަތަކުން ރުހުން ދިނުމާ އެކު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދިގުލީ ވެރިކަން ނިމުމަކަށް އައުމުން އައު ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ނަތަންޔަހޫ ދެއްވައިފި އެވެ.
އައު ސަރުކާރު ކައިރި މުސްތަގްބަލެއްގައި ވައްޓާލާނެކަމުގެ އިންޒާރު ދެއްވަމުން ނަތަންޔަހޫ ވިދާޅުވީ އައު ސަރުކާރަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފަލަސްތީނު ރައްޔިތުން ކުރާ ވަރުގަދަ މަސައްކަތާ އަދި ނިއުކްލިޔާ ބާރެއްގެ ގޮތުގައި ނުކުތުމަށް އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އީރާން ކުރަމުން ގެންދާ މަސައްކަތްތަކާ ކުރިމަތިލެވޭވަރުގެ ސަރުކާރެއް ނޫންކަމަށާ އެހެންކަމުން އިސްރާއީލުގެ ޔަހޫދީންގެ މަސްލަހަތު އޮތީ އައުސަރުކާރު ވައްޓާލުމަށް ފަހު އޭނާ އަލުން ވެރިކަމަށް އައުންކަމަށްވާތީ އެކަން ކުރައްވާނެކަމުގަ އެވެ.

އިސްރާއީލުގެ އައު ބޮޑުވަޒީރު ނަފްތާލީ ބެނެޓް
ނަމަވެސް ވެރިކަން ނިމުމަކަށް އައުމުން ނަތަންޔާހޫ ހަގީގަތުގައި ދެރަވީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ދައުވާތަކުން ސަލާމަތް ވުމުގެ ފުރުސަތު ވެރިކަމުން ދުރުގައި ހުންނަވައިގެން ނުލިބޭނެކަން ޔަގީންވާތީ އާޚިރުގައި ޖަލަށްދާން ޖެހިދާނެކަމުގެ ބިރަށް ކަމަށް މުރާސިލުން ބުނެ އެވެ. ނަތަންޔަހޫގެ މައްޗަށް ކޮރަޕްޝަނާއި މަކަރާއި ހީލަތް ހެދުމުގެ ދެ ދައުވާއެއް މިހާރު ވެސް ކުރަމުން ގެންދާއިރު އެދެ ދައުވާއިން ސަލާމަތް ވުމަށް ބޮޑުވަޒީރުކަމުގައި ހުންނަވައިގެން އިސްރާއީލުގެ ޝަރުއީ ދާއިރާއަށް ނުސީދާ ގޮތެއްގައި ވަރަށް ބޮޑަށް ބާރާއި ނުފޫޒު ހިންގާކަމުގެ ތުހުމަތު ނަތަންޔާހޫގެ މައްޗަށް ވަނީ ކުރެވިފަ އެވެ.
ނަތަންޔަހޫ ވަނީ ޖެހިޖެހިގެން ތިން ދައުރުގައި އިސްރާއީލުގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. މީގެ އިތުރުން ވެސް ވަކިވަކިން ދެ ދައުރެއްގައި އޭނާ ބޮޑުވަޒީރުކަން ކުރައްވާފައިވެ އެވެ. އެހެންކަމުން ޖުމްލަ ވިއްސަކަށް އަހަރު އޭނާ ވަނީ އިސްރާއީލުގެ ބޮޑުވަޒީރުކަން ކުރައްވައި އިސްރާއީލުގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދައިފަ އެވެ. ނަމަވެސް މިހާރު ނަތަންޔަހޫ އަކީ އިސްރާއީލުގެ އިދިކޮޅު ލީޑަރެވެ.
އިސްރާއީލުގެ އައު ސަރުކާރު އެކުލަވާލީ ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ފިކުރުގެ ޔަޝް އަތީދު ޕާޓީގެ ވެރިޔާ ޔައިލް ލަބީދު އިސްކޮށް ހުންނަވައިގެން ހަރުކަށި އެހެން ކުޑަޕާޓީއެއް ކަމަށްވާ ޔަމީނާ ޕާޓީއާ ގުޅިގެންނެވެ. މީގެ އިތުރުން ވެސް ކުދި ދެތިންޕާޓީ އައު ސަރުކާރުގައި ހިމެނެ އެވެ. ޔަމީނާ ޕާޓީގެ ވެރިއަކީ އިސްރާއީލުގައި ކުރިން ދިފާއީ ވަޒީރުކަން ކުރައްވާފައިވާ ނަފްތާލީ ބެނެޓް އެވެ.
ހަރުކަށި ދެ ޕާޓީ ކަމަށްވާ ޔަޝްއަތީދު ޕާޓީއާއި ޔަމީނާ ޕާޓީ ގުޅިގެން އެކުލަވާލި ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން ފުރަތަމަ ދެ އަހަރު އިސްރާއީލުގެ ބޮޑުވަޒީރުކަން ކުރައްވާނީ ޔަމީނާ ޕާޓީގެ ނަފްތާލީ ބެނެޓް އެވެ. އެއަށް ފަހު ބާކީ އަނެއް ދެ އަހަރު ބޮޑުވަޒީރުކަން ކުރައްވާނީ ޔައިރު ލަބީދެވެ.
އިސްރާއީލުގެ އައު ސަރުކާރަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި އެގައުމުގެ ޕާލަމެންޓްގެ ޖަލްސާގައި އައު ސަރުކާރަށް ހުރަސްއެޅުމުގެ ގޮތުން ނަތަންޔަހޫގެ ލިކޫޑް ޕާޓީއާއި އެޕާޓީއަށް ތާއީދުކުރާ ހަރުކަށި ޕާޓީތަކުގެ މެންބަރުން ގުޅިގެން ޕާލަމެންޓްގެ ތެރޭގައި ވަނީ އަޑުގަދަކޮށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ. މިއާއެކު ނަތަންޔާހޫގެ ޕާޓީގެ އެތަށް މެންބަރަކުވަނީ ޕާލަމެންޓްގެ ތަޅުމުން ބޭރުކޮށްފަ އެވެ. ނަމަވެސް އައު ސަރުކާރަށް ރުހުން ދިނުމަށް ވޯޓު ނެގިވަގުތު އެމެންބަރުން ތަޅުމަށް ވައްދާފައިވެ އެވެ.
އިސްރާއީލުގެ އައު ސަރުކާރަށް ރުހުން ދިނުމަށް ޕާލަމެންޓްގައި އިއްޔެ ނެގި ވޯޓުގައި ސަރުކާރަށް ރުހުން އޮތްކަމަށް ލިބުނީ 60 ވޯޓެވެ. އައު ސަރުކާރާ ދެކޮޅަށް 59 ވޯޓު ދީފައިވެ އެވެ. ސަތޭކަ ވިހި މެންބަރުން ހިމެނޭ އިސްރާއީލުގެ ޕާލަމެންޓަށް ބަލާ އިރު އައު ސަރުކާރު ވުޖޫދަށް އައީ ޕަލަމެންޓްގެ އެންމެ ވޯޓެއްގެ ތަފާތުން ކަމަށްވާތީ މިއީ ބަލިކަށި ސަރުކާރެއްކަމަށް އިސްރާއީލުގެ ނޫސްތައް ބުނެ އެވެ.