ރާމަﷲ (ފެބްރުއަރީ 15) : ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރްސަތު ނެތެމުންދާކަމުގެ އިންޒާރު ރައީސް މަޙްމޫދު ޢައްބާސް ދެއްވައިފިއެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ކްރޮއޭޝިޔާގެ ރައީސް އީވޫ ޖޮސިޔުވިޗް އާ ރާމަﷲ ގައި ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޢައްބާސް އިއްޔެ ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސް ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އެމީހުން ވަޒަންވެރިކުރުވަމުން ގެންދިޔުމާއި ހިފާފައިވާ ބިންތަކުގައި ފަލަސްތީނު ރައްޔިތުންނަށް ގެދޮރު ބިނާކުރުމުގެ ފުރްސަތު އިސްރާއީލުން ނުދިނުމާއި ހިފާފައިވާ ބިންތަކުގެ ބޮޑުބައެއް އިސްރާއީލުގެ ސަރަޙައްދަށް ވަންނަގޮތަށް ބޮޑުފާރެއް އިސްރާއީލުން ބިނާކޮށްފައިވާ ކަމުގައެވެ.

މިކަންކަމަކީ ފަލަސްތީނުގެ ރައްތަކާއި ވިލެޖްތައް ބައިބައިކޮށް އެކަހެރިކޮށް އެބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރްސަތު ނަގާލުމަށް ގަސްދުގައި އިސްރާއީލުން ހިންގާ އިސްތިއްމާރީ ހަރަކާތްތަކެއްކަމަށްވާތީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރްސަތު ނެތެމުންދާކަމަށް ޢައްބާސް ވިދާޅުވިއެވެ.

ޢައްބާސް އިތުރަށް ވިދާޅުވީ 1993 ވަނަ އަހަރުގެ އޮސްލޯ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ ޒާތީ އިދާރާގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށް ނިންމާފައިވާ ނިންމުންތަކަށްވެސް އިސްރާއީލުން އިޙްތިރާމް ނުކުރާކަމުގައެވެ. މިގޮތުން އޮސްލޯ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވި ބިންތަކުގެ ބޮޑުބައެއްވެސް މިހާރު ކޮންޓްރޯލް ކުރަނީ އިސްރާއީލުގެ އިސްތިއްމާރީ އިދާރާތަކުންކަން ޢައްބާސް ފާހަގަ ކުރެއްވިއެވެ.

މި ނޫސްކޮންފަރެންސްގައި ކްރޮއޭޝިޔާގެ ރައީސް އީވޫ ޖޮސިޔުވިޗް ދެއްކެވި ވާހަކަފުޅުގައި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރްސަތު ބައިނަލްއަޤްވާމީ މިޖްތަމަޢުން ފަހިކޮށްދޭނެޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ މައްސަލައަކީ މެދުއިރުމަތީގެ ހުރިހާ ހަމަނުޖެހުމެއްގެ އަސްލުކަމަށާއި އިސްރާއީލުގެ އިސްތިޢްމާރު ނިމުމަކަށް ގެނައުމުގައި ބައިނަލްއަޤްވާމީ މުޖްތަޢުގެ ޒިންމާ ވަރަށް ބޮޑުކަމަށް ކްރޮއޭޝިޔާގެ ރައީސް އީވޫ ޖޮސިޔުވިޗް ވިދާޅުވިއެވެ. (އަލްޖަޒީރާ)