14 Jun 2021, 08:27
ބޮލީވުޑްގެ އެކްޓަރު މުހައްމަދު ޔޫސުފް ޚާން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ދިލިޕް ކުމާރުގެ ނަމުން މަޝްހޫރުވި އެކްޓަރު މިދިޔަ ހަފްތާގައި ހޮސްޕިޓަލުގައި އެނދުމަތިކުރީ ނޭވާކުރުވެ ނޭވާ ނުލެވުމުގެ ސަބަބުންނެވެ. އަދި ވަގުތުން ހެދި ޓެސްޓުތަކުގެ ނަތީޖާ ދެއްކީ އޭނާގެ ފުއްޕާމޭގައި ފެން ހެދިފައިވާ ކަމަށެވެ. ނަމަވެސް އޭރު ވެސް ސިއްހީ ހާލު އެހާ ސީރިއަސް ނޫން ކަމަށް ޑަކްޓަރުން ވަނީ ބުނެފަ އެވެ.
ދިލިޕްގެ އަންހެނުން ސައިރާ އާ ހަވާލާދީ ޕިންކްވިލާ އިން ބުނީ ފުއްޕާމޭގައި އުފެދުނު ފެންތައް މިހާރު އެއްކޮށް ދުއްވާލާފައިވާ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިލިޕް އަށް ހެޔޮދުއާކޮށްދިން އެންމެންނަށް ޝުކުރުއަދާކުރާ ކަމަށެވެ.
އެކްޓަރު ދިލިޕް ވަނީ ގިނަ އަދަދެއްގެ ފިލްމުތައް ކުޅެފަ އެވެ. އޭނާކުޅުނު ބައެއް މަގްބުލު ފިލްމުތަކުގެ ތެރޭގައި "އާޒާދު"، "ޝަބްނަމް"، "އަމަރު" އަދި "ދުނިޔެ" ހިމެނެ އެވެ.