ކުވައިތު (ފެބްރުއަރީ 15) : ކުވައިތުގައި އައުސަރުކާރެއް އެކުލަވާލައި އެސަރުކާރުގެ ކެބިނެޓްގެ ވަޒީރުން މަޤާމުގެ ހުވާކޮށްފި އެވެ.

ކެބިނެޓް ހުވާކުރީ އަމީރު އައްޝައިޚް ސަބާޙުލް އަޙްމަދުގެ ކުރިފުޅުމަތީގަ އެވެ. ފަނަރަ ވަޒީރުން އެކުލެވޭ މިކެބިނެޓްގައި ކުވައިތުގެ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ހިމެނިފައެއް ނުވެއެވެ. އައުސަރުކާރުގެ ބޮޑުވަޒީރަކީ ކުވައިތުގެ ޝާހީޢާއިލާގެ މެންބަރެއްކަމަށްވާ އައްޝައިޚް ޖާބިރުލް މުބާރަކްއެވެ.

ކުވައިތުގެ އައުސަރުކާރު އެކުލަވާލީ ޕާލަމެންޓް އުވާލުމަށް ފަހު އަލުން އިންތިޚާބެއް ބާއްވައިގެން އައުޕާލަމެންޓެއް އިންތިޚާބު ކުރުމަށްފަހުގަ އެވެ. އައުޕާލަމެންޓްގައި ވެރިކަންކުރާ ޝާހީއާއިލާއަށް ތާއީދުކުރާ ފަރާތްތަކަށް އަޣްލަބިއްޔަތު ލިބިފައެއް ނުވެއެވެ. ކުވައިތުގެ އައުސަރުކާރުގެ ކެބިނެޓް އެކުލަވާލުމުގެ ކުރިން ބޮޑުވަޒީރު އައްޝައިޚް ޖާބިރުލް މުބާރަކްއާއި ޕާލަމެންޓްގެ އިދިކޮޅު ފަރާތްތަކާ ދެމެދު ބައްދަލުވުމެއް ބާއްވައި އައުސަރުކާރުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރާނެ ޢަދަދަކާބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވުނެވެ. ނަމަވެސް މިމަޝްވަރާތައް ވަނީ ނާކާމިޔާބުވެފަ އެވެ.

އައު ސަރުކާރުގެ ކެބިނެޓްގެ 15 ވަޒީރުންގެ ތެރެއިން ނުވަ ވަޒީރުން އިދިކޮޅު ފަރާތްތަކުން އިޚްތިޔާރުކުރުމަށް ހުށަހެޅި ހުށަހެޅުން ބޮޑުވަޒީރުވަނީ ޤަބޫލު ނުކުރައްވާފަ އެވެ. އޭގެ ބަދަލުގައި ބޮޑުވަޒީރު ހުށަހެޅުއްވީ ކެބިނެޓްގެ ތިން ވުޒާރާއަކަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ވަޒީރުން ލެއްވުމަށެވެ. މިކަމަށް އިދިކޮޅު ފަރާތްތަކުންވަނީ ދެކޮޅު ހަދާފަ އެވެ. (އަލްޖަޒީރާ)