ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާ އަތުން 1-0 އިން މޮޅުވެ، އިންްގްލެންޑުން 19 އަހަރަށް ފަހު އެ މުބާރާތުގެ ފުރަތަމަ މެޗުން މޮޅު ހޯދައިފި އެވެ.

ވެމްބްލީ ސްޓެޑިއަމްގައި މިރޭ ކުޅުނު މެޗުން ލިބުނު މޮޅާ އެކު މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އިންގްލެންޑް މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ޓީމު ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން އެއްވަރުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.

ރަޝިޔާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކްރޮއޭޝިއާ އަތުން ބަލިވެ، ލިބުނު ނާކާމީޔާބީއަށްފަހު މިދިޔަ ތިންއަހަރުގެ ތެރޭ ތިން މެޗެއް މި ދެ ޓީމުން ވަނީ ކުޅެފަ އެވެ. އެގޮތުން ޔުއެފާ ނޭޝަންސް ލީގުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗާއި މިރޭގެ މެޗުން އިންގްލެންޑް ވަނީ މޮޅުވެފަ އެވެ. ނޭޝަންސް ލީގުގައި ވެސް މޮޅުވީ އިންގްލެންޑްގެ ދަނޑުގައި ކުޅުނު މެޗުންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މިރޭގެ މެޗު ފަށައިގެން ކުރީކޮޅު އިންގްލެންޑުން ވަނީ ލީޑު ނެގުމާ ގާތަށް ޖެހިލައިފަ އެވެ. އެ ޓީމުގެ އުމުރުން 21 އަހަރުގެ ފިލް ފޯޑެން އޭރިއާ ތެރެއިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން އޭރިއާ ބޭރުން އިންގްލެންޑްގެ ރޮނގުކައިރިން ކަލްވިން ފިލިޕްސް ޖެހި ޝޮޓް ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފަ އެވެ.

އިންގްލެންޑުން މެޗުގައި ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. އެ މެޗުގައި މޮޅު ކުުޅުމެއް ދެއްކި ފިިލިޕްސް ހުސްކޮށްލާފައި ދިން ބޯޅަ ރަހީމް ސްޓާލިން ވަނީ ކީޕަރު ލިވަކޮވިޗް އަތުގައި ޖައްސާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ ވާދަވެރި ބޮޑު މުބާރާތެއްގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.

އޭގެ ފަހުން ވެސް ސްޓާލިންގްއަށް ރަނގަޅު ދެ ބޯޅައެއް ވަރު ލިބުނު އިރު، ލީޑު ފުޅާ ކުރަން މޭސަން މައުންޓް ހުސްކޮށްލާފައި ދިން ބޯޅަ ކެޕްޓަން ހެރީ ފައިގައި ލައްވާލާ ގޮތެއް ނުވި އެވެ.

އިންގްލެންޑުން އަންނަ ހުކުރުދުވަހުގެ ރޭ ސްކޮޓްލޭންޑާ ދެކޮޅަށް ނުކުންނަ އިރު، ކްރޮއޭޝިއާ ދެން މެޗެއްގައި ކުޅޭނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ.