15 Feb 2012, 01:09
އައްޑޫ ސިޓީ އިން: އަހުމަދު ނާއިފު
މި ރަށަށް އެރުމާ އެކު ކަންފަތުގައި ފުރަތަމަ ވެސް ޖެހުނީ އިންޒާރުގެ އަޑު ތަކެކެވެ. ސަމާލުވުމެ ރައްކާތެރިވުމަށް ގޮވާލީ ހަގީގަތުގައި ވެސް ހާލަތު ސީރިއަސް ކަމުންނެވެ.
"ކަލޭމެން ކުދިން ބަލައިގެން އުޅޭތި. ދެކުދިން އެކަނިތަ. ނަމަ ނަމަ ބަލައިގެން އުޅޭތީ،" މީޑިޔާ މީހުން ކަން އެނގުމުން އެއާޕޯޓްގައި ހުރި ސިފައިންގެ މީހަކު ނަސޭހަތް ދިނެވެ.
ފޭދުއާ ހިސާބަށް އެމްއެންޑީއެފްގެ ބަހެއްގައި އަހަރުމެން ގެނެސްދިން އިރު ވެސް ސިފައިން އައީ ނަސޭހަތް ދެމުންނެވެ. ފޭދުއާ ހިސާބުން ކުއްޔަށް ނެގި ޓެކްސީ ޑްރައިވަރު އެ ހާލަތް އިތުރަށް ވިސްނައިދިނެވެ. އައްޑޫ ރައްޔިތުންނަށް ދެން ކޮށްފައި ނުކުރާނީ ކޮންކަމެއް ކަމެއް ނޭނގެ އެވެ. އަސްލު ފުލުހަކީ ކޮބައިކަމެއް ފޭކު ފުލުހަކީ ކޮބައިކަމެއް ނޭނގެ އެވެ. ވީއްލުނު ކުށްވެރިން އަދިވެސް އުޅެނީ ފިލައިގެންނެވެ. ރޭގަނޑު ފުރަ ދަންވަރު ކުށްކުރުން ވަނީ އާންމު ވެފަ އެވެ. އެ ހުރިހާ ކަމެއްގެ އަސްލަކީ ފެބުރުއަރީ 8 ވަނަ ދުވަހުގެރޭ އައްޑޫގައި ޖެހި ބޮޑު ހުޅެވެ.
އަނބުރާ ވެރިކަމަށް އަންނާނެ ކަމަށް ބުނެ އެމްޑީޕީން އައްޑޫގައި ފެށި މުޒާހަރާ ހޫނުވެ އަސްލު އަލިފާނަށް ބަދަލުވީ ގަން ޕޮލިސް ސްޓޭޝަންގައި ރޯކޮށްލި ހިސާބުންނެވެ. އެ ދުވަހުގެ މަންޒަރުތައް ލޮލުން ފެނުނު އައްޑޫގެ ރައްޔިތުން ސިފަ ކުރަނީ އެއީ އައްޑޫގެ ތާރީހުގައި އައި "ބަނަ ކަޅު ދުވަހެއްގެ" ގޮތުގަ އެވެ.
"އެ ގަޑީގައި ހަމަ ކަރުނަ އޮހިގެން ދިޔައީ. އެއޮތް ބޮޑު ޕޮލިސް ސްޓޭޝަން ތަޅާލާފައި ރޯކޮށްލީ. އެންމެ 200 އެއްހާ މީހުން ވެގެން،" ގަން ޕޮލިސް ސްޓޭޝަން ރޯކޮއްލި މަންޒަރު ފެނުނު އިބްރާހިމް ޝަރީފް އެ ވާހަކަ ކިޔައިދިނެވެ. "ކުރީގައި ތިބި 30 ހަކަށް މީހުން މޫނު ނިވާކޮށްގެން. އެމީހުން އިސްކޮށް އުޅުނީ. އެންމެ 13 ވަރަކަށް ފުލުހުން ތިބީ. އެމީހުން އުޅުނީ ފުރާނަ ސަލާމަތްކުރަން ވެގެން،"
ޕޮލިސް ސްޓޭޝަންތަކާއި އަދި ކޯޓުތަކާ އެކު ޖިނާއީ އަދުލާ ގުޅުން ހުރި އައްޑޫގެ ހަތް ތަނެއް ވަނީ އެކީއެކަށް ސުންނާފަތި ކޮށްލައިފަ އެވެ. މި ރަށުގެ ޕޮލިސް ކޮމާންޑާ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސު ސޮބާހު އެދުވަސް ސިފަ ކުރައްވަނީ ބިރުވެރި ދުވަހެއްގެ ގޮތުގަ އެވެ. ފުުލުހުން ވެސް ފުރާނަ އަތް މައްޗަށް ލައިގެން ދުވަން ޖެހުނެވެ. ފުލުހުންގެ ޒާތީ މުދަލާއި އަމިއްލަ ފުރާނައަށް ވެސް އެމީހުން ބަޔަކު އަރައިގަތެވެ.
"އެއީ އައްޑޫގެ މިތާރީހުގައި އަންނާނެ ބިރުވެރި ދުވަހެއް. ބަނަ ދުވަހެއް. ފުލުހުން ވެސް މަސައްކަތް ކުރީ އަމިއްލަ ރައްކާތެރި ކަމާ އެކު މިތަނުގައި ހުރި ވަސީލަތެއް ބޭނުންކޮށް އެކަން ކުރަން. އަޅުގަނޑުމެންގެ ކުދިންގެ ވޮލެޓާއި މުސާރަ ވެސް އެއްކޮށް އަންދާލީ. އަދި ބައެއް ކުދިންގެ ސައިކަލާއި ލެޕްޓޮޕް ވެސް ވަނީ ފޭރިގެންފައި،" ސޮބާހު ވިދާޅުވި އެވެ. "އެކި ތަންތަނުގައި އައްޑޫން އެދުވަހު ފެނުނީ ހުޅު،"
އައްޑޫ ހުޅުން ފުލުހުން މަގުމަތި ކުރުވި އިރު އަލިފާން ނިއްވުމުގައި ހަރަކާތްރިވި އައްޑޫ ޓްރެއިނިން ސްކޫލްގެ މުހަންމަދު އަލީ ބުނީ އޭނާގެ 30 އަހަރުވީ ހަޔާތުން ހުޅުޖެހި ރޭހާ ނާމާން ބިރުވެރި ރެއެއް ނުދެކޭ ކަމަށެވެ. އެންމެ ފަޔާ ލޮރީއެއްގެ އެހީގައި އަލިފާން ނިއްވޭތޯ މަސައްކަތް ކުރަން އޭނާ އުޅުނު ގޮތް ކިޔައިދިނެވެ.
"ފުރަތަމަ ހިތަދޫ ކޯޓު ރޯކޮށްލި ވާހަކަ ބުނީމާ އެކޮޅަށް ދިޔައީ. އެތާ ނިއްވަން އުޅެނިކޮށް މީހަކު ބުނީ ޓްރެއިނިން ސްކޫލް ވެސް ރޯކޮށްކައިފި އޭ. އައިސް ބަލައިލި އިރު ހުޅުގަޑު މިހުރީ ރޯވެފައި. ދެން އެމީހުން އުޅުނީ އަހަރުމެންނަށް ހަމަަލަދޭން. ދެން އެ ހިސާބުން ކުރެވޭނެ ކަމެއް ނެތް. އެކި ތަންތަނުން ފެންނަނީ ހުޅު. އަހަރުމެން ދެން ހެނދޭނެ ގޮތެއް ނެތް،" އޭނާ ކިޔައިދިނެވެ.
އެރެ އިން ފެށިގެން މިއަދާ ޖެހެންދެން މުޅި އައްޑޫ ރައްޔިތުން ވަނީ ބިރުވެރިކަމެއްގަ އެވެ. ސިޔާސީ ވެރިންގެ އެދުންތަކުގައި ހަގީގީ ކުލަޖެއްސުމަށް އައްޑޫ ޝިކާރަޔަކަށް ހަދާާނެ ކަމަށް އެމީހުން ކުރިން ހިޔެއް ނުކުރެ އެވެ. އައްޑޫއަށް ނަފާ ލިބެމުން އައި އެތައް ކަމެއްގައި ހުޅު ޖަހައި އަޅިޔަށް ހެދީ އައްޑޫއަށް އުފަން އައްޑޫގެ ދަރިންނެވެ.
"މިހާރު ދެން ކޮށްފަ ނުކުރާނެ ކަމެއް ނޭނގޭ. ހިޔެއް ނުކުރަން އެމީހުން އެކަން ކުރާނެ ކަމަކަށް. އަހަރުމެން ލޯމަތީ އައްޑޫގެ މީހުން އެކަން ކުރީ. އަހަރުމެންނަށް ފެނިގެން. ރޯމެންދަމު ދުވާލު،" ޓެކްސީ ޑްރައިވަރެއް ކަމަށްވާ އިބްރާހިމް ރަޝީދު ބުންޏެވެ. "އެ މަންޒަރު ސިފަވިޔަސް ދެރަވޭ. ކަރުނަ އޮހޭ،"
އައްޑޫ ބޮޑު ހުޅު މިއަދު ނިވުނަސް ބިރުވެރި ކަމުގެ ހުޅުގަނޑު އަދިވެސް ނުނިވެ އެވެ. އައްޑޫ ބޮޑު ހުޅަށް މިއަދަށް ހަފްތާއެއްވާ އިރު އެ ހުޅަކަށް ނިމުމެއް ނެތެވެ.
"މި ދެތިން ދުވަހަކު ވެސް ފުލުހުންނަށް ގޯނާ ކުރުމުގެ ކަންކަން ހިނގައިފި. ގޭގެއަށް ގައު އުކުން. މިހެން ގޮސް ކަންކަން. އަދި ހުދު އަޅުގަނޑަށް ވެސް ހަމަލަ ދޭން އުޅޭކަމުގެ އިންޒާރެއް ވެސް ބަޔަކު އޮތީދީފައި. އަދި ފުލުހުންގެ ތެރެއިން ގެއްލުނު ބައެއް ތަކެތި އާންމުން ވެސް ގެންގުޅޭ ކަމުގެ މައުލޫމާތު ލިބޭ. އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި ވަރަކުން މިދަނީ އެކަން ކަން ހަމައަކަށް އެޅުވޭތޯ ބަލަމުން. އެކަމަކު އަޅުގަނޑުމެންގެ ކުދިން އަދިވެސް ތިބީ ނަފްސާނީ ބިރުވެރި ކަމެއްގައި،" ފުލުސް ކޮމާންޑާ ސޮބާހް ވިދާޅުވި އެވެ.
ކުށްވެރިންތަކެއް ވަނީ ދޫވެފަ އެވެ. ފުލުހުންގެ ބާރަށް ވުރެ ގޭންގްތަކާއި ވަޅި އާ ކަނޑީގެ ބާރު މިހާރު ވެސް ގަދަޔެވެ. ފުލުހުންނަށް އިތުބާރެއް ނުކުރެވެ އެވެ. ގޭންގްތަކުގެ އަތްމައްޗަށް ފުލުހުންގެ ސާމާނުތައް ވަނީ ގޮސްފަ އެވެ. އޭގެ ބޭނުން ހިފަމުން އެމީހުން ވަނީ ކުރި ހޯދާފަ އެވެ.
"އަދިވެސް ރަނގަޅަށް ނުނިދޭ. ދަރިފުޅު ވެސް އެކަނި ސްކޫލަށް ވެސް މިހާރު ނުފޮނުވަން. އެ ނޫން ގޮތެއްނެތް،" ހައްވާ އަޒީޒާ ކިޔާ އަންހެނަކު ބުންޏެވެ.
އައްޑޫ ރައްޔިތުންނަށް އެ ނޫން ގޮތެއް ނެތެވެ. އެމީހުން ތިބީ ގޮތްނޭނގޭ ބިރުވެރިކަމެއްގަ އެވެ. އެ މީހުންގެ ބަހުރުވައިން ނަމަ އައްޑޫ ބޮޑު ހުޅު ހަދާނުން ފިލުވައެއް ނުލެވޭނެ އެވެ. އްއ