އެކުވެރިޔާ މަރުވި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނދެ, އެކްސިޑެންޓުވުމުން ފިލި މީހާ މައާފަށް އެދިއްޖެ އެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު މާލެ, ހުވަފެނީ ގޯޅީގައި ހިނގި އެކްސިޑެންޓުގައި މަރުވެފައިވަނީ, އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒްދާން އެވެ. އެކްސިޑެންޓުވުމުން ފިލި މައްސަލައިގައި , އުމުރުން 26 އަހަރުގެ ޅ. ނައިފަރު/ އަތީރީގެ, އަހްމަދު އާތިފު އަބްދުالله އެވެ. ފިލި ކަމަށް އިންކާރުކޮށް އާތިފު ބުނެފައިވަނީ, ޔަޒްދާންއަކީ އޭނާގެ ރަހުމަތްތެރިއެއް ކަމަށެވެ.

މެއި 31 ވަނަ ދުވަހު ހައްޔަރު ކުރި އާތިފުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިއްޔެ ވަނީ އިތުރުކޮށްފަ އެވެ. ފުރަތަމަ ޖެހި 10 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވެގެން އިއްޔެގެ ބަންދުގެ މަޖިލީހުގައި އޭނާގެ ބަންދަށް 15 ދުވަސް އިތުރު ކުރުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ޔަޒްދާންގެ އާއިލާ ކިބައިން އާތިފު މާފަށް އެދިފައިވާ ކަމަށް އިއްޔެގެ ކޯޓު އަމުރުގައި ބުނެފައިވެ އެވެ. އެކަން ބަންދުގެ މަޖިލީހުގައި ހާމަ ކުރީ ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) އެވެ.

އައިއޯ ވިދާޅުވީ, އޭނާ ސައިކަލު ދުއްވާފައި ދިޔައީ ބާރު ސްޕީޑުގައި ކަމަށެވެ. އަދި އާތިފު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަކަން ކަށަވަރުވާ ސީސީޓީވީ ފޫޓޭޖެއް ލިބިފައިވާކަން އައިއޯ ވިދާޅުވި އެވެ. ނަމަވެސް އެ ފޫޓޭޖް އެނަލައިސްކޮށް އަދި ނިމިފައި ނުވާކަން އައިއޯ ވިދާޅުވި އެވެ.

އެކްސިޑެންޓުގައި މަރުވި 21އ, އިސްމާއިލް ޔަޒްދާން: އެކްސިޑެންޓުވުމުން ފިލި އާތިފު ވަނީ އެކަމަށް މާފަށް އެދިފައި --

އާތިފްގެ ވަކީލް ޝަރީއަތުގައި ވިދާޅުވެފައި ވަނީ އެކްސިޑެންޓުގައި މަރުވި ޔަޒްދާންގެ އާއިލާއިން ވެސް އޭނާ މަރުވުމުގައި އާތިފްގެ މާބޮޑު އިހުމާލެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. އަދި އޭނާގެ "އެބާވަތުގެ ކުށުގެ ރިކޯޑެއް" ނެތްކަންވެސް ދިފާއި ވަކީލު ބަންދުގެ މަޖިލީހުގައި ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން އާތިފުގެ ތިން މަަހުގެ ކުއްޖެއް ހުންނަކަންވެސް ވަކީލު ފާހަގަކޮށްފައިވެ އެވެ.

އާތިފުގެ "އެ ބާވަތުގެ ކުށުގެ ރެކޯޑެއް ނެތް" ކަމަށް ދިފާއީ ވަކީލު ބުނި ނަމަވެސް, އޭނައަކީ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަން ކޯޓު އަމުރުން އެނގެ އެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ކުށްތަކެއް ކަމެއް ނޭނގެ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަނީ މަރުގެ މައްސަލައެއްގެ ގޮތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ސިދާ ކޮބައިކަން ކޯޓު އަމުރުގައި ސާފުވެފައި ނެތް ނަމަވެސް, އާތިފުގެ މައްޗަށް ތުހުމަޔު ކުރަނީ ޖިނާއީ ބޮޑު ކުށަކަށްކަން ކޯޓުން އަމުރުން އެނގެ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރާ ކުށުގެ ތެރޭ ގާނޫނުލްއުގޫބާތުގެ 110ވަނަ މާއްދާގައި ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބުނެ އެވެ. އެ މާއްދާއަކީ, މީހަކު މެރުމުގެ ކުށެވެ. އަދި އެނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ, 10 އަހަރަށްވުރެ ބޮޑު އަދަބެއް އަންނަ ކުށެއް ކަމަށް ކޯޓު އަމުރުގައި ބުނެ އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރި ސަބަބެއްގެ ގޮތުގައި ކޯޓު އަމުރުގައި ބުނެފައި ވަނީ, އެ މައްސަލައިގެ ހެކި ގަރީނާ ލިބިފައިވާތީ އާއި ބަންދުން ދޫކޮށްލައިފިނަމަ, މުޖުމަތައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.