13 Jun 2021, 11:31
ބޮލީވުޑްގެ ފިލްމުތަކުންނާއި ޓީވީ ސީރީޒްތަކުން ފެންނަ ކުޅަދާނަ ބަތަލާ އަނީތާ ހަސަނަންދާނީ އެކްޓިންގެ ދާއިރާއިން ބްރޭކެއް ނެގިކަން އިއުލާންކޮށްފި އެވެ.
މީގެ ހަތަރު މަސްކުރިން އޭނާގެ އަލަތު ދަރިފުޅު ވިހޭއިރު އަނީތާ އެކްޓިންގެ ދާއިރާ އާ ދުރަށްޖެހެމުން ބުނީ އޭނާގެ އަލަތު ލޯތްބާއި (އެކްޓިން) އިން ބްރޭކެއް ނެގުމަށް ވިސްނާފައިވާ ކަމަށާއި މިވަގުތު އެންމެ މުހިއްމު އިސްކަމެއް ދޭނީ ދަރިފުޅު އާރަވް އަށް ކަމަށެވެ. އަދި މި ނިންމުމަކީ ޕެންޑެމިކްގެ ސަބަބުން ނިންމި ނިންމުމެއް ނޫންކަމަށާއި ދަރިއަކު ލިބުމުން އެކްޓިން އިން ބްރޭކެއް ނަގަން މާ ކުރިން ވެސް ނިންމާފައިވާ ކަމަށެވެ.
އަނީތާ ބުނީ ދެން އެނބުރި އަލުން އެކްޓިން އަށް އަންނާނެ ދުވަހެއް ބުނަން ދަތި ކަމަށާއި އެކަމަށް ތައްޔާރުވުމުން އެނބުރި އަލުން އަންނާނެ ކަމަށެވެ.
ސްޓާޕްލަސް އިން ކުރިން ދެއްކި ހިންދީ ޑްރާމާ "ޔޭ ހޭ މޮހޮއްބަތައިން"ގެ ޝަގުން ރޯލު ކުޅެގެން އާންމުންގެ ލޯބި ހޯދާފައިވާ އަނީތާ އާއި އޭނާގެ ފިރިމީހާ ރޯހިތު ރެޑީގެ ކައިވެންޏަށް ހަތް އަހަރު ފަހުން އަލަތު ދަރިފުޅު ލިބުނުއިރު ދެމަފިރިންވެސް ތިބީ ވަރަށް އުފަލުންނެވެ.
އިންޑިއާގެ އެންމެ މަޝްހޫރު ޑާންސް ޝޯ ނަޗް ބަލިޔޭގެ ނުވަ ވަނަ ސީޒަނުގައި ބައިވެރިވި ދެތަރިން ވަނީ އެއިން ދެވަނަ ހޯދާފަ އެވެ.