މިމަހުގެ ހަތް ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ސިފައިންގެ މައި އިދާރާ އަށް މުހައްމަދު ނާޒިމާއި އަބުދުﷲ ރިޔާޒާއި މުހައްމަދު ފަޔާޒު ވަދެވަޑައިގެންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހިމް ކަލޭފާނާއި ސިފައިންގެ އިސް އޮފިސަރުންގެ އެދިވަޑައިގަތުމުގެ މަތިން އެބޭފުޅުންނާ ބައްދަލުކުރައްވައި އެ ދުވަހު ޖުމުހޫރީ މައިދާނުގައި އިހުތިޖާޖު ކުރަމުން ދިޔަ މީހުންގެ ހުށައެޅުންތައް ހުށައެޅުމަށް ކަމަށް އެ ތިން ބޭފުޅުން ވިދާޅުވެއްޖެ އެވެ.

މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒާއި މުހައްމަދު ފަޔާޒު ސޮއިކުރައްވައި މި މަހުގެ 10 ވަނަ ދުވަހުގެ ތާރިހުގައި ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެތިން ބޭފުޅުންނާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވި ގޮތާ ގުޅުވައި ދައްކަވާ ވާހަކަތަކަކަކީ އެތިން ބޭފުޅުން ފަރުދީ ގޮތުން ހަރަކާތްތެރިވި ގޮތާއި ގުޅުވައި ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ބަޔަކު ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ތިން ބޭފުޅުން ސޮއިކުރައްވައި ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެ ތިން ބޭފުޅުންނަކީ ސަލާމަތީ ހިދުމަތުގައި އުމުރުގެ ބޮޑުބައެއް ހޭދަކޮށްފައިވާ ތަމުރީނު ލިބިފައިވާ ޕްރޮފެޝަނަލް ބަޔަކަށް ވާތީ މިމަހުގެ ހަތް ވަނަ ދުވަހު ހެނދުނު ޖުމުހޫރީ މައިދާނުގައި ރައްޔިތުންގެ ގިނަބަޔާކާއި ފުލުހުންގެ ގިނަ ބަޔާކައި ސިފައިންގެ ގިނަބަޔާކާ އެކުވެގެން ސިފައިންގެ އެތެރޭގައި ތިބި ބަޔަކާ ދެމެދު ކުރިމަތިލުން ހިގައި ލޭ އޮހޮރުމަކަށް ގައުމު ހިނގައިދާނެ ކަމުގެ ބިރު ހީވެގެން އިތުރަށް މަންޒަރު ބައްލަވަން ނުތިއްބަވައި ޖުމުހޫރީ މައިދާން ސަރަހައްދަށް އެދުވަހު 8:30 އާއި 9:00 ދެމެދުގެ ވަގުތެއްގައި ވަޑައިގެން އިހުތިޖާޖު ކުރަމުން ދިޔަ މީހުންގެ އެދިލެއްވުމަށް އެކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ކަމަށެވެ.

"...އަޅުގަނޑުމެން އެތަނަށް ދެވުމާއި އެކު އިހުތިޖާޖު ކުރަމުން ދިޔަ މީހުން އަޅުގަނޑުމެން ގާތު އާދޭސްކޮށްފައި ބުނީ ސުލުހަ ވެރި ހައްލެއް ހޯދާ ދިނުމަށް މަސައްކަތް ކުރުމަށް. އެވަގުތަކީ އިހުތިޖާޖު ކުރަމުން ދިޔަ މީހުން ރޫޅާލުމަށް ގޮވާ ހަތިޔާރުގެ[ލައިވް މިއުނިޝަން] ބޭނުން ސިފައިން ކޮށްފާނެ ކަމަށް ބެލެމުން ދިޔަ ހާސްކަމުން ފުރިފައިވާ ނުތަނަވަސް ވަގުތެއް. އެހެންކަމުން ސިފައިންނާއި ފުލުހުން އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލާ އޭރު ރަބަރު ވަޒަން ބޭނުންކޮށް، ވަރަށް ނާޒުކުވެފައި ވާތީ ލޭއޮހޮރުވުމަކަށް ނުދާނެހެން ސުލްހަވެރި ގޮތެއްގައި އެ ހަމަނުޖެހުން ނިންމުމުގައި އަޅުގަނޑުމެންގެ ލަޔާގަތާއި ގާބިލްކަން ތަންދިން މިންވަރަކުން މަސައްކަތްކޮށްދިނުމަކީ ގައުމީ ވާޖިބެއްކަމުގައި ދެކިގެން އަޅުގަނޑުމެން ސިފައިންނާއި އިހުތިޖާޖު ކުރަމުންދާ ފަރާތްތަކާއި ދެމެދު ވާހަކަ ދައްކައިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ފެށީ،" ތިން ސަފުހާގެ އެބަޔާނުގައިވެ އެވެ.

އެބޭފުޅުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެބޭފުޅުން ސިފައިންގެ ގޭޓް ކައިރިއަށް ގޮސް ރައްޔިތުންނާއި ދެކޮޅަށް ހަތިޔާރު ބޭނުންނުކުރުމަށް ސިފައިންގެ އޮފިސަރުންގެ އަރިހުން ތަކުރާރުކޮށް އެދުނު ކަމަށާއި އަދިއެއްވެފައި ތިބި މީހުން ރައީސް ނަޝިދުގެ އިސްތިއުފާ އަށް ގޮވަމުން ދާތީ އެކަން ހައްލުކުރުމަށް ދައުލަތުގެ ތިންބާރުގެ އިސްވެރިންގެ ބައްދަލުވުމެއް ބޭއްވޭތޯ ސިފައިންގެ އޮފިސަރުން ކައިރިން އެދުނު ނަމަވެސް އެކަން ނުކުރެވުމުން ދެން ކުރެވޭނީ ކޮންކަމެއްތޯ އޮފިސަރުން އެބޭފުޅުން ކައިރިން އެދިލެއްވުމުން އިހުތިޖާޖުކުރާ މީހުން އެދޭ ކަންކަންކަމުގައިވާ ކުރީގެ ރައީސް ނަޝިދާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އެއްވެސް ޝަރުތެއް ނެތި އިސްތިއުފާދެއްވުމަށް ދެންނެވި ކަމަށެވެ.

"... ހަމަ އެވަގުތު އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު ފޯނުންގުޅުއްވާ ވާހަކަ ދެއްކުމަށް ސިފައިންގެ ތެރެއަށް ވަނުމަށް އަޅުގަނޑުމެންނަށް ދެންނެވި. އޭގެ ފަހުން އަޅުގަނޑުމެން ގޭޓް ކައިރީގައި ތިއްބާ އަލުގަނޑުމެންނާއި ވާހަކަ ދައްކަވަން ވަޑައިގެންތިއްބެވި ސިފައިންގެ އިސް އޮފިސަރުންގެ އެދުމުގެ މަތިން އެ އިމާރާތުގެ ތެރެއަށް ވަދެ ތޮލްހާތައި އޮފިޝަރުންނާއި ބައްދަލުކުރުމަށް ފަހު އިހުތިޖާޖުކުރާ މީހުންގެ ހުށައެޅުންތަށް ހާމަކުރީން. އަދި ނިންމަވާ ގޮތެއް އަންގައިދެއްވުމަށް އެދުނިން. އެއަށް ފަހު އެމެސެޖު އިހުތިޖާޖު ކުރަމުން ދިޔަ ފަރާތްތަކަށް އަޅުގަނޑުމެން ފޯރުކޮށް ދިނިން،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ކުރީގެ ރައީސް އިސްތިއުފާ ދެއްވުމަށް ނިންމުމާ ގުޅިގެން އެކަންކުރަންވާނީ ރައީސް އޮފީހުގައި މީޑިޔާ ކުރިމަތީގައި ކަމަށް ސިފައިން މައުލޫމާތާ ގުޅިގެން އެކަން ކުރިއަށް ގެންދާ ވަގުތު ކުރީގެ ރައިސް އޮފީހަށް ވަޑައިގަންނަވާ ވަގުތު އެބޭފުޅާގެ ސެކިއުރިޓީ ކަންކަން ހަމަޖެއްސުމަށް ސިފައިން އެދުމާ ގުޅިގެން އިހުތިޖާޖުގައި ތިބި އާއްމުންނާއި ފުލުހުންނާއި ސިފައިންނާއި އާއްމު ރައްޔިތުންގެ ކިބައިން އެކަންކަން ކަށަވަރުކޮށް ރައީސަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

"ރައީސުލްޖުމުހުރިއްޔާގެ ރައްކާތެރިކަމަށް ސިފައިންގެ ތެރެއިން އައްޔަން ކުރެއްވި މީހުންނާއި އެކު ރައީސްގެ ކާރުކޮޅުގައި އޮފީހަށް ވަޑައިގެންނެވި އިރު އެކާރުކޮޅާއި އެކު އެއްވެ ތިބި މީހުންދުރަށް ޖައްސަމުން ރައީސް އޮފީހާއި ހަމައަށް ހިނގާފައި ދިޔައީމެވެ،"

ނާޒިމާއި ރިޔާޒާއި ފަޔާޒު ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ނަޝީދު އޮފީހަށް ވަޑައިގެންނެވުމުން އެބޭފުޅުން މަޑުކުރެއްވީ އެ އޮފީހުގެ ގޯތި ތެރޭގައި ކަމަށާއި އެވަގުތު ކުރީގެ ރައީސް ކޮޓަރިކޮޅަށް ވަޑައިގެން ކެބިނެޓާއި ބައްދަލުކުރެއްވުމަށް ފަހު މީޑިޔާއާ ބައްދަލުކުރައްވާ ހަބަރު ލިބިވަޑައިގަތުމާ އެކު އެތަނަށް އެތިން ބޭފުޅުން ވަޑައިގެންނެވީ ކުރީގެ ރައީސް ސެކިއުރިޓީ ބެލެހެއްޓުމަށް ކަމަށާއި އެތަނަށް ވަޑައިގަތުމުން އެބޭފުޅުންނަށް ފެނިވަޑައިގަތީ އެތަނުގައި ހުންނަވައިގެން ކުރީގެ ރައީސް އިސްތިއުފާގެ ސިޓީ ލިއުއްވާ މަންޒަރު ކަމަށެވެ.

"... އެސިޓީ ލިއުއްވީ [ރައީސް ނަޝީދު] އަމިއްލަ ފުޅަށް ރައީސްގެ ރަސްމީ ލެޓާހެޑްގައި. ސިޓީ ލިޔުއްވުމަށް ބޭނުންވާ ކަރުދާސްގަނޑާއި ގަލަންކޮޅު ރައީސް ނަޝީދު ވިދާޅުވުމުން ގެންނެވީ ރައީސް އޮފީހުގެ މުއައްޒިފެއް. ސިޓީ ލިއުއްވުމަށް ފަހު ސިޓިއާއި ގަލަންކޮޅު ހަވަލުކުރެއްވީ އެމުވައްޒަފާ،"

އެތިން ބޭފުޅުން ނެރެފައިވާ ތިން ސަފުހާގެ ބަޔާނުގައި ބުނެފައި ވަނި އިސްތިއުފާ ދެއްވި އިރު ރައީސް ނަޝީދުގެ ހިމާޔަތުގައި އެބޭފުޅުން މަސައްކަތްކުރެއްވި ކަމަށާއި އިސްތިއުފާ ދެއްވުމަށް ފަހު ނަޝީދު ނުކުންނެވި ވަގުތު އިސްތިއުގާގެ ސިޓީގެ ޑިސްޕެޗާއި ހަވާލުކުރަށްވާފައިވާ ވާހަކަ ވިދާޅުވި ކަމަށާއި އެބޭފުޅުންގެ ތެރެއިން ދެބޭފުޅަކު މުލީއާގެ އަށް ރައީސް ނަޝީދާ އެކު ވަޑައިގެންނެވި ކަމަށެވެ.

އަދި ވިދާޅުވެފައި ވަނީ ފުލުހުންނާއި ސިފައިންގެ ކޮމާންޑު ގެއްލިގެން ދިޔަ މެންދުރުގެ ވަގުތުގައި ހިކުމަތްތެރިކަމާ އެކު ކަންކަން ކުރިއަށް ނުގެން ދިޔަ ނަމަ ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިއާއި ފަހުގެ ހިނދުކޮޅުގައި ހިތާމަވެރި ނުރައްކާތެރި އަމަލުތަކެއް ރައީސް ނަޝީދަށް ނުވަތަ ދިވެހި ގައުމަށް ކުރިމަތިވުމަކީ އެ މާހައުލު ތަޖުރިބާކުރި ކޮންމެ މީހަކު ހެކިވާނެ ކަމެއްކަމަށެވެ.

"...އެހެންކަމުން އަޅުގަނޑުމެން ތިން މީހުން އެމުހިންމު ވަގުތުގައި އާދަކުރި ދައިރަކީ އިހުލާސްތެރި ދައުރެއް. ލޭއޮހޮރުވުމަށް މެދުވެރި ނުވުމަށް އެދި އަދާކުރި ދައުރެއް. ރައީސުލްޖުމުހުރިއްޔާގެ ހަށޑިކޮޅާއި ފުރާނަފުޅު ރައްކާތެރިކުރުމަށް ޓަކައި އަދާކުރި ވަފާތެރި ދައުރެއް."