14 Feb 2012, 22:33
އެމްޑީޕީން ޕާޓީ ހަރަކާތްތައް ހިންގަމުން ދިޔަ އެމްޑީޕީ ހަރުގެ އަލުން ހުޅުވައިފި އެވެ.
އަމީނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެ އަލުން މިއަދު ހަވީރު ހުޅުވާދެއްވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ހަރުގެ ހުޅުވާދެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެމްޑީޕީން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
އެމްޑީޕީ ހަރުގެ އަލުން މި ހުޅުވީ، ހޯމަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އިދިކޮޅު މީހުންނާއި އޭރު ސަރުކާރު ހިންގި އެމްޑީޕީ މީހުންގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގުމަށް ފަހު ފުލުހުން އެމްޑީޕީ ހަރުގެއަށް ގެއްލުންތަކެއް ދީފައި ވަނިކޮށެވެ.
އެމްޑީޕީ ހަރުގެ ހުޅުވުމަށް ރައީސް ނަޝީދު ވަނީ އެމްޑީޕީ ގިނަ އަދަދެއްގެ މެންބަރުންނާ އެކު ބޮޑުތަކުރުފާނު މަގުން ހިންގަވާފައި ގެއަށްވަޑައިގެންފަ އެވެ.