12 Jun 2021, 13:51
މޮނިޓަރިން ހާލަތުގައި އޮތް ކުޅުދުއްދުފުށީ ސިޓީން އިތުރު 10 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ސިޓީ މޮނިޓަރިން އަށް ލީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ޕޮޒިޓިވްވެފައި ވަނީ އެ ސިޓީ އާއި މާލެއާ ދެމެދު ދަތުރު ކުރާ "ސީ ކުއީން" ބޯޓުގެ ފަޅުވެރިއެކެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު، އަހްމަދު ދާވޫދު ވިދާޅުވީ ކުޅުދުއްފުށިން އަލަށް ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި އެ ފަޅުވެރިޔާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ހަ މީހަކު ހިމެނޭ ކަމަށެވެ.
ބޯޓުގެ ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ އެކު ބުރާސްފަތި ދުވަހު ކުޅުދުއްފުށީ ޓާސްކް ފޯސްގެ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. ދާވޫދު ވިދާޅުވީ އެ ބައްދަލުވުމުގައި މާލެ ދަތުރު ކުރާ ބޯޓު ފަހަރު ރަށަށް ލެފުމާއެކު ބޯޓުން ދަތުރު ކުރާ ފަޅުވެރިންގެ ސާމްޕަލް ނެގުމަށް ނިންމި ކަމަށެވެ.
"މިގޮތަށް ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން. އަދި މާލޭގެ ހާލަތު އިތުރަށް ރަނގަޅު ވަންދެން މިގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ،" ދާވޫދު ވިދާޅުވި އެވެ.
އެ ނިންމުމާ އެކު އިއްޔެ ކުޅުދުއްފުއްޓަށް ލެފި ބަހާދަރު ބޯޓުގެ ހުރިހާ ފަޅުވެރީންގެ ސާމްޕަލް ނެގި ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
" ބަހާދަރު ބޯޓުގެ ހުރިހާ ފަޅުވެރިން ތިބީ އިއްޔެ ބޯޓު ލެފި ވަގުތުން ފެށިގެން ކަރަންޓީނުގައި،" ދާވޫދު ވިދާޅުވި އެވެ.
ދެ ބޯޓުގެ ޕޮޒިޓިވް ކޭސްތަކާއެކު، ރަށުގެ ރައްޔިތުން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަކީ ވަރަށް މުހިންމު ކަމެއް ކަން ދާވޫދު ފާހަގަކުރެއްވި އެވެ.
"އެގޮތުން މާސްކު އަޅައިގެން އުޅުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާއި، އެ މީހަކާ ކޮންޓެކްޓް ވާ މީހުންގެ އަދަދު ވީހާ ވެސް މަދު ކުރުމަށް ނަސޭހަތްތެރިވަން. މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް މިފަހަރު ވެސް އިރާދަކުރެއްވިއްޔާ ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ސީ ކުއީން ކްލަސްޓާއާ ގުޅިގެން މިހާތަނަށް ކުޅުދުއްފުށިން ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ދާވޫދު ވިދާޅުވީ އެ ކްލަސްޓާގެ 69 ޑައިރެކްޓް ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކްލަސްޓާއާ ގުޅިގެން 28 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.
މިހާތަނަށް 55 ސާމްޕަލްއެއް ނަގާފައި ވާއިރު، އިތުރު ކޮންޓެކްޓުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި މިރެޔާއި މާދަމާ ވެސް އިތުރު މީހުންގެ ސާމްޕަލް ނެގޭނެ ކަމަށް ދާވޫދު ވިދާޅުވި އެވެ.
މި ވަގުތު ކުޅުދުއްފުށީގައި ޖުމްލަ 23 މީހުން ޕޮޒިޓިވް ވެފައި އެބަ ތިއްބެވެ.