އައްޑޫ ސިޓީން: އަހުމަދު ނާއިފް

މިދިޔަ ބުދަ ދުވަހު އެމްޑީޕީން މި ރަށުގައި ބޭއްވި މުޒާހަރާ ހަަނުޖެހުމަކަށް ބަދަލުވެ ހުޅު ޖަހައި އަލިފާންރޯކުރި ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތައް ލޫޓުވާލައި ބައެއް ތަންތަނުގެ ތިޖޫރީގައި ހުރި ފައިސާ އާއި އަގުބޮޑަތި ގިނަ ތަކެތި ވަގަށް ނަގައިފި އެވެ.

ހުޅުޖަހައި މުޅިން ސުންނާފަތިކޮށްލާފައިވާ ގަން ޕޮލިސް ސްޓޭޝަނާއި ފޭދޫ ކޯޓާއި މަރަދޫ ކޯޓާއި ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސްކޫލާއި ހިތަދޫ ކޯޓާ އެ އަވަށު ޕޮލިސް ސްޓޭޝަނާ އަދި މި އަތޮޅު ޕީޖީ ބްރާންޗް ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާ އިރު އެތަންތަނުގައި ސަލާމަތުން ހުރި ހުރިހާ ސާމާނެއްހެން ވަނީ ލޫޓްވާލައިގެން ގެންގޮސްފަ އެވެ.

އައްޑޫ ކޮމާންޓަރު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސު ސޮބާހު ސަން އޮންލައިން އަށް މިއަދު ވިދާޅުވީ ކޯޓުތަކުގެ ތިޖޫރިތައް ފަޅާލައިގެން ފައިސާތައް ވެސް ވަގަށް ނަގާފައިވާ ކަމަށާއި ކޯޓުތަކުގައި ހުރި ކޮމްޕިޔުޓަރު ސިސްޓަމް ފަދަ އަގުބޮޑަތި ތަކެތި ވެސް ގެންގޮސްފައިވާ ކަމަށެވެ.

ސޮބާހު ވިދާޅުވީ ގެއްލުނު ފައިސާ އަދި ނުފެންނަ ކަމަށެވެ.

"ކޯޓުތަކުގެ ތިޖޫރިތައް ފަޅާލައިގެން ފައިސާތައް ވެސް ގެންގޮސްފައި ހުރީ. އަދި ސާފެއް ނުވޭ އެއީ ކިހާ އަދަދެއްގެ ފައިސާތަކެއް ކަމެއް. ވަރަށް ގިނަ ކޮމްޕިޔުޓަރު ސިސްޓަމްތައް ވެސް ވަނީ ވަގަށް ގެންގޮސްފައި. އަދި އަނެއްބައި އެއްޗިހިގެ ހާޑް ވެސް ވަނީ ވަގަށް ނަގާފައި،" ސޮބާހް ވިދާޅުވި އެވެ.

އަލިފާންރޯވެ ކޯޓުތަކުގައި ހުރި ގިނަ ދުވަސްވީ ލިޔެކިޔުންތައް ވެސް ވަނީ އަނދައިގެން ގޮސްފަ އެވެ. އަދި ސޮބާހު ވިދާޅުވީ ހުޅުޖެހި ގިނަ ޕޮލިސް އިދާރާތަކުން ބިޑި އާއި ފުލުހުންގެ މުގުރާއި ޝީލްޑާއި ސްޓޮކްގައި ހުރި ބައެއް ތަކެއްޗާއި އަދި ފުލުސް ޔުނީފޯމް ވެސް ގެއްލިފައިވާ ކަމަށާއި ބައެއް ތަކެތި ރަށުތެރެއިން ފެންނަމުންދާ ކަމަށެވެ.

"އޭގެތެރެއިން ބައެއް ތަކެތި އެބަފެނޭ މޫދުން ވެސް. އަނެއްބައި ތަކެތި މީހުން ގެންގުޅޭ ކަމަށް ވެސް މައުލޫމާތު ލިބޭ. އަޅުގަނޑުމެން އެކަން ބަލައި އެތަކެތި ހޯދަމުން މިދަނީ،" ކޮމާންޑާ ވިދާޅުވި އެވެ.

ހުޅުޖެހި ގިނަ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން އަތުގައި އަޅުވާ ބިޑި ޕެކްކޮށްފައިވާ ގިނަ އަދަދެއްގެ ހުސް ފޮށިތައް އެތަނުން ފެންނަން އެބަ ހުއްޓެވެ.

ފުލުހުން ބުނީ އެމްޑީޕީން ބޭއްވި މުޒާހަރާ ކޮންޓްރޯލުން ނެއްޓި ހިންގި ހުޅުޖެހުމުގެ ހަރަކާތްތަކުގެ ސަބަބުން ފުލުހުންގެ ތަހުގީގުގަށް ނަގާފައި ހުރި ސާމްޕަލްތައްވެސް އަދައިގެން ގޮސްފައިވާ ކަމަށެވެ.