14 Feb 2012, 18:56
ރާއްޖެ ޓީވީގެ ހިދުމަތް މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް ދިނުމުގެ ހުއްދައެއް ނޯންނާނެ ކަމަށާއި ގާނޫނާ ހިލާފަށް އެކަންތައް ކުރަމުން ގެންދާ ބަޔަކު ވަގުތުން އެކަންތައް ހުއްޓާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބް ރައީސް މުހައްމަދު ޝަހީބް މިއަދު ވިދާޅުވީ ރާއްޖެ ޓީވީގެ ހިދުމަތް ދިނުމުގެ ހުއްދަ އެކޮމިޝަނުން ދީފައި ވާނީ ހަމައެކަނި މާލޭގެ ސަރަހައްދަށް ކަމަށާއި ނަމަވެސް ރާއްޖެ ޓީވީގެ ހިދުމަތް ރާއްޖޭގެ އެކިއެކި ސަރަހައްދުތަކަށް ދެމުން ގެންދާ ކަމުގެ ޝަކުވާ އެކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އެކޮމިޝަނުން ބެލިބެލުމުން އެކަމުގައި ރާއްޖެ ޓީވީގެ އެއްވެސް ހިއްސާއެއް ނެތް ކަމަށް އެފަރާތުން ބުނެފައިވާ ކަމަށެވެ.
ރާއްޖެ ޓީވީގެ ހިދުމަތް މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް ދެމުން ގެންދަނީ އެހެން ބަޔަކު މެދުވެރިވެގެންކަން ރާއްޖެ ޓީވީއާ އެކު ބޭއްވި ބައްދަލުވުމުގައި އެ ފަރާތުން ބުނެފައިވާ ކަމަށް ޝަހީބު ވިދާޅުވި އެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ދީފައިވާ ހުއްދައާ ހިލާފަށް އެ ޓީވީން އެއްވެސް ކަމެއް ކުރަމުން ނުގެންދާ ކަމަށާއި މާލެ ފިޔަވައި އެހެން ސަރަހައްދަކަށް ހިދުމަތް ނުދޭ ކަމަށް ވެސް ބުންޏެވެ.
އެ މައްސަލާގާއި ރާއްޖެ ޓީވީއާ މެދު އަޅާނެ އެއްވެސް ފިޔަވަޅެއް ނެތް ކަމަށާއި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ރާއްޖެ ޓީވީގެ ހިދުމަތް ދެމުން ގެންދަނީ ތާޑްޕާޓީއެއް މެދުވެރިވެގެން ކަމަށް ވެސް ޝަހީބް ވިދާޅުވި އެވެ.
"ރާއްޖެ ޓީވީން އޮތީ ގަވާއިދުގެ ތެރޭގައި. އެމީހުން އެކަމުގައި އެއްވެސް ބަޔަކާ ޑީލެއް ވެސް ނަހަދާ ކަމަށް ބުނި. އެހެންވެ އެ ޓީވީއަކަށް ނާންގަން އެއްވެސް އެއްޗެއް. ގާނޫނާ ހިލާފަށް އެކަން ކުރަމުން ގެންދާ ބަޔަކަށް މިގޮވާލަނީ އެކަންތައް ހުއްޓާލުމަށް،" ޝަހީބް ވިދާޅުވި އެވެ.
ހަމައެކަނި ހަބަރާއި މައުލޫމާތު ފެތުރުމަށް ހާއްސަކޮށްފައިވާ ރާއްޖެ ޓީވީގެ ޗެއާމަނަކީ ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަކްރަމް ކަމާލުއްދީނެވެ.