12 Jul 2010, 15:42
19:00
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އެޓަރނީޖެނެރަލް އަލްއުސްތާޛު ޙުސްނުއްސުޢޫދު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަލުން ހަމަޖައްސަވައިފި އެވެ.
ޙުސްނުއްސުޢޫދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން ޙުސްނުއްސުޢޫދާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގެ ކުރިން، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޒީ ޙަސަން ސަޢީދުގެ ކުރިމަތީގައި، އަލްއުސްތާޛު ޙުސްނުއްސުޢޫދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާކުރެއްވި އެވެ.
މީގެ އިތުރުން ރައީސުލްޖުހޫރިއްޔާ މިއަދު ވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ޤާނޫނު އަސާސީގެ 147 ވަނަ މާއްދާގައި، އުއްތަމަފަނޑިޔާރުގެ މަގާމަށް މީހަކު ޢައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އޮތުމާއި އަދި އެމަގާމަށް ޢައްޔަންކުރާ މީހަކު ކަނޑައަޅާނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ކަމަށް އޮތުމާއެކު، އެކަން ގެންދަވާނެ ގޮތަކާ ބެހޭ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބު ކުރެއްވި ފަނޑިޔާރު އަލްއުސްތާޛު މުޖްތާޒު ފަހުމީ އާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބު ކުރެއްވި ފަނޑިޔާރު އާދަމް މުޙަންމަދު ޢަބްދުﷲ އާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބު ކުރެއްވި ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައެޅުއްވި މެންބަރު ޑޮކްޓަރ އަފްރާޝީމް ޢަލީ އާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑޮކްޓަރ މުޙަންމަދު ލަޠީފާއި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވި ޢާއިޝަތު ވެލެޒިނީ އާއި، ބަންޑާރަނައިބު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.