ކުރީގެ ފިރިމީހާ ގަސްތުގައި މަރާލި މައްސަލައިގައި އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާ އޭނާ އުމުރަށް ޖަލަށް ލުމަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅަމުން ނަޒާހާގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ ނަޒާހާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު) އަށް ހަމަލާދިނުމުގައި ނަޒާހާގެ ޖިނާއީ ގަސްދެއް ނެތް ކަމަށެވެ.

ސުއޫދު ވިދާޅުވީ ޝާޑުއަށް ހަމަލާދިން ވަޅިއަކީ، އޭގެ ކުރީ ދުވަހު ޓީވީ ކޭބަލް ބުރިކުރަން ކޮޓަރިއަށް ވައްދާފައި އޮތް ވަޅިއެއް ކަމަށާއި އެ ހާދިސާ އަށް ފަހު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ވެސް ނަޒާހާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ފުލުހުންނަށް ވަޅި އޮތް ތަން ދައްކާފައި ވަނީ ވެސް ނަޒާހާ ކަމަށް ވާތީ ނަޒާހާގެ ޖިނާއި ގަސްތެއް ނެތްކަން ސާބިތުވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުން ނަޒާހާގެ މައްޗަށް ހުކުމްކޮށްފައި ވަނީ އޭނާގެ ފަރާތުން ޝަރީއަތަށް ހުށަހެޅި ކަންކަމުގެ މައްޗަށް ބެލުމެއް ނެތި ފުލުހުންގެ ތަހުގީގަށް އޭނާ ދީފައިވާ ބަޔާނުގައިވެފައިވާ އިއުތިރާފެއްގެ މައްޗަށްރިއާޔަތްކޮށް ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް އޮތް ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.

އެ މައްސަލަ ނިންމި އިރު ކޯޓުން ބަލާފައި ވަނީ ތަހުގީގަށް ނަޒާހާ ދީފައިވާ ބަޔާނަށް އެކަނި ކަމަށް ބުނެ ސުއޫދު ދައްކާފައިވާ ވާހަތަކަށް ދައުލަތުގެ ވަކީލު ވަނީ ދޮގުކުރައްވާފަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލަ ނިންމި އިރު އެއްވެސް ވަރަކަށް ތަހުގީގަށް ނަޒާހާ ދީފައިވާ ބަޔާނަށް ރިއާޔަތް ކޮށްފައި ނުވާކަމަށެވެ. އަދި ވިދާޅުވީ ނަޒާހާ ޝާޑުއަށް ހަމަލާދީފައި ވަނީ ދިފާއުގައި ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް އެ މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސުއޫދު ވަނީ ދެގޮތަކަށް އެދިވަޑައިގެންފަ އެވެ. އެއީ ނަޒާހާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކުރުން ނޫން ނަމަ އެ މައްސަލައިގައި ބަލަން ޖެހޭ ބައެއް ކަންތައްތައް ކްރިމިނަލް ކޯޓުން ބަލާފައި ނުވާތީ އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކުރުމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ނަޒާހާގެ ވަކީލަށާއި ދައުލަތުގެ ވަކީލަށް އެ މައްސަލައިގައި އިތުރަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާނެ ކަމަށް އިއުލާންކުރެއްވުމަށް ފަހު އެވެ.