އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު މާލޭގައި ވިކްޓަރީއާ ދެކޮޅަށް ނިކުންނަ ޔަމަނުގެ އަލް ތިލާލާގެ ޓީމް މާދަމާ މާލެ އައުމަށް ހަމަޖެހިއްޖެ އެވެ.

ގަތަރު އެއާލައިނުން މާދަމާ ހެދުނުގެ ވަގުތެއްގައި މާލެ އަންނަ ޔަމަނުގެ އަލް ތިލާލާގެ ޓީމުގައި 18 ކުޅުންތެރިންނާއެކު 10 އޮފިސަލުން ހިމެނެއެވެ. ޓީމް މާލެއައިސް ތިބުމަށް ހަމަޖެހިފައި ވަނީ ނަސަންދުރަ ޕެލަސް ހޮޓަލްގައެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:15 ގައި ޔަމަންގެ އަލް ތިލާލާގެ ޓީމާ ދެކޮޅަށް ނުކުންނަ ވިކްޓަރީއަށް މިމެޗް ވަރަށް މުހިންމެވެ. މިމެޗުން ވިކްޓަރީ ބަލިވެއްޖެ ނަމަ މުބާރާތުން އަލްވަދާއު ކިޔަން ޖެހޭނެ އެވެ.