10 Jun 2021, 10:24
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސަކަށް އިންތިހާބުވެ ވަޑައިގެންފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޗެފް ޑި ކެބިނެޓްގެ މަގާމަށް އިންޑިއާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ޑެޕިޔުޓީ ޕާމަނަންޓް ސަފީރު ނާގަރާޖް ނައިޑޫ ކުމާރު އައްޔަނު ކުރައްވައިފި އެވެ.
އެމަގާމުގެ މަސްއޫލިއްޔަތަކީ ޗީފް އޮފް ސްޓާފްގެ މަސްއޫލިއްޔަތާ ގާތްގަނޑަކަށް އެއްކަހަލަ މަސްއޫލިއްޔަތު ތަކެކެވެ.
އދ.ގެ އަންމު މަޖިލީހުގެ ރައީސްގެ ކެބިނެޓް ޗީފް އަކަށް އިންޑިއާގެ ރައްޔިތަކު ހަމަޖެއްސުމަކީ ދުނިޔޭގައި އިންޑިއާގެ ނުފޫޒު ގަދަވަމުންދާކަމުގެ ހެއްކެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
އާންމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ރާއްޖެ އިން އެމެރިކާ އަށް އަދި އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިން ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.
އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ތަގުރީރު ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ޓީމަކީ މިންތީގެ ހަމަހަމަކަން ގާއިމްކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލްކުރެވޭ، އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހައްދަވާނެކަމަށެވެ. މީގެ ތެރޭގައި ތަރައްގީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ގައުމުތައް ވެސް ހިމެނޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ޝާހިދު އިންތިހާބުވީ މިދިޔަ ހޯމަ ދުވަހު އެވެ.