09 Jun 2021, 23:00
އިންޑިއާގެ އެހީގައި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގުން މިހާރު އޮތީ ބިޑް ހުށަހެޅުމުގެ މަރުހަލާގައި ކަމަށް ސަރުކާރުން ބުނެފި އެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއަކީ 70 މިލިއަން ޑޮލަރާއި 75 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް ހަރަދުކޮށްގެން ސަރުކާރުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާއިން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގުމަށް ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ބައިނަލްއަގުވާމީ ހަތަރު ޑްރެޖިން ކުންފުންޏަކުން މިހާރު ވަނީ ބިޑް ހުށަހަޅާފަ އެވެ.
ބިޑްތައް އިވެލުއޭޓު ކުރުމަށްފަހު ސަރުކާރުން މަޝްރޫއު ހަވާލު ކުރާނީ ބިޑް ބަލައިގަނެ ނިމޭތާ ހަތަރު ނުވަތަ ފަސް ހަފްތާ ފަހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެ މަޝްރޫއު ނިމޭނެ ކަމަށް ލަފާ ކުރަނީ ފަށާތާ 24 މަސް ތެރޭގަ އެވެ.
އެ މަޝްރޫއުގެ ދަށުން ހިތަދޫއާއި ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ހިމެނޭހެން ފަޅުތެރެއިން 228 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ ބިން ވިޔަފާރިއާއި އިޖުތިމާއީ ބޭނުންތަކަށާއި، މީހުން ދިރިއުޅެންވެސް ކަނޑައެޅިގެންދާނެ އެވެ.
އެ މަޝްރޫއުގެ ދަށުން ފަޅު ތެރޭގައި ރިޒޯޓެއް ތަރައްގީ ކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުމުގެ ގޮތުން 25 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ނިންމާފައިވެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އެ މަޝްރުއަށް ބޭނުންވާ ތަކެތީގެ ތެރެއިން 55 ޕަސެންޓު ތަކެތި ސޯސް ކުރެވޭނީ އިންޑިއާއިންނެވެ.