14 Feb 2012, 17:50
ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވާނެ ކަމަށް ބުނެ ފުލުހުން ހިންގި ހަޅުތާލަކީ ސިޔާސީ އިސްފަރާތްތަކެއް އިސްވެ ތިބެ ފުލުހުންނަށް ރިޝްވަތުދީގެން ކޮށްފައިވާ ކަމެއް ކަމަށް ބުނާ ވާހަކަތައް ފުލުހުން ރައްދުދީފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު އަލީ ރަޝީދު މިއަދު ވިދާޅުވީ ފުލުހުން ރިޝްވަތު ހިފާފައިނުވާނެ ކަމަށެވެ.
"އެއީ ދޮގެއް. އެއްވެސް ފަރާތަކުން ނެތް އެކަމުގައި ރިޝްވަތު ހިފާފައެއް ނުވާނެ،" އަލީ ރަޝީދު ވިދާޅުވި އެވެ.
ފުލުހުން އެ ދުވަހު ހިންގާފައި ވަނީ ބަޣާވާތެއް ކަމަށާއި އެކަމުގެ ފަހަތުގައި ވެސް ސިޔާސީ ފަރާތްތަކެއްވާ ކަމަށް ބުނެ ވަނީ ފުލުހުންނަށް ތުހުމަތު އިނގިލި ދިއްކޮށްފަ އެވެ.
ރައީސް ނަޝީދު މިމަހުގެ ހަތް ވަނަ ދުވަހު އިސްތިއުފާ ދެއްވާފައި ވަނީ، ފުލުހުންގެ މައްޗަށް ކުރާ ގާނޫނާޚިލާފު އަމުރަކަށް ތަބާނުވާނެ ކަމަށް ފުލުހުން ބުނެ، ފެށި ހަޅުތާލުގައި ސިފައިންނެރެ އެކަން ހުއްޓުވަން މަސައްކަތް ކުރުމުން، އެކަން ވެސް ރައީސް ނަޝީދަށް ކާމިޔާބު ނުވެ ސިފައިންނާއި ފުލުހުން ސަރުކާރާ ދެކޮޅަށް ތެދުވި ހިސާބުން ފެށިގެނެވެ.
ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ހަތިޔާރު ނަގާނެ ކަމަށް ބުނެ ހަތިޔާރު އެޅި ސިފައިންނާއި ފުލުހުން އެކަމަށް މަޖުބޫރު ކުރުމުން ކަމަށް އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު ވަނީ ބައެއް ބޭރު މީޑިއާތަކުގައި ވިދާޅުވެފަ އެވެ.