ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 300އަށް ތިރިވެ, ބަލި ޖެހިގެން ހާލުބޮޑުވާ މީހުން އެޑްމިޓްކުރާ އަދަދުވެސް ދަށަށް ހިނގައްޖެ އެވެ.

އެޗްޕީއޭ މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ނެގި 4,200އަށްވުރެ ގިނަ ސާމްޕަލްއިން ޕޮޒިޓިވްވެފައިވަނީ 370 މީހުންނެވެ. ބަލި ޖެހިގެން އެޑްމިޓްކޮށްފައިވަނީ 152 މީހުންނެވެ.

މިގޭ ދެތިން ހަފްތާ ކުރިން 1,000އިން މަތީގައި ކޭސްތައް ހުރި އިރު, މިއީ ކޭސްތައް މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި މީގެ ކުރިން 500އަށްވުރެ ގިނަ މީހުން އެޑްމިޓްފައިވެސްވެއެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓުވްވެފައިވަނީ, 552 މީހުންނެވެ. އެއީ މިއަދު ޕޮޒިޓިވްވި މީހުންނާ އަޅާބަލާއިރު, 182 ކޭސްތެ އިތުރުވުމެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ, މާލެ ސީޓީން 217 މީހަކާއި ރަށްތަކުން 148 މީހުން އަދި ރިސޯޓުތަކުން ހަތަރު މީހެކެވެ. އޭގެ އިތުރުން ތަރައްގީ ކުރަމުންދާ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު މިހާތަނަށް 68,872 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 51,200 އަށްވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ. މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ, 17,461 މީހުންނެވެ.

ބަލީގައި މިހާތަނަށް ޖުމްލަ 189 މީހަކު ވަނީ މަރުވެފައެވެ. މި މަހު 28 މީހަކު ވަނީ މަރުވެފައެވެ. މިދިޔަ މަހަކީ ރާއްޖޭގައި އެންމެ ގިނައިން ކޮވިޑުގައި މީހުން މަރުވި މަހެވެ. މިދިޔަ މޭ މަހު 89 މީހަކު މަރުވިއެވެ.

ކޭސްތައް މިހާރު ދަށްވާން ފަށާފައިވާއިރު, މިދިޔަ މަހު 26 އިން ފެށިގެން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ފިޔަވަޅުތަކަށް ލުއި ދޭނީ އަދި އެއް ހަފްތާއަށް ބެލުމަށްފަހު ކަމަށެވެ. އެހެން ކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދިގު ދެންމުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތައް:

  • މާލެ ސީޓީގައި ހަވީރު 4:00 އިން ހެނދުނު 8:00 ކާފިއު, އެ ނޫން ވަގުތުގައި ހުއްދައާއެކު ބޭރުގައި އުޅުން.

  • މިސްކިތުގައި ނަމާދު ކުރުން މަނާ.
  • ރެސްޓޯރެންޓުގައި ކެއިންބުއިން މަނާ.
  • ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހަމައެކަނި ހެނދުނު 8:00 އިން ހަވީރު 4:00އަކަށް.
  • ޒަރޫރީ ބޭނުމެއް ނެތި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން.
  • މޮނީޓަރިންގައި ހުރި ރަށްތަކުގައި ހަވީރު 4:00އިން 8:00އަށް ކާފިއު.
  • ސަރުކާރު އޮފީސްތައް ބަންދު.

ރާއްޖޭގައި މިދިޔަ މަހުން ފެށިގެން ކޭސްތައް މައްޗަށް ދާން ފެށި އެޕްރީލް މަހު ދިން ލުއިތަކުގެ ސަބަބުންކަމަށް ސަރުކާރުވެސް ވަނީ އެއްބަސްވެފައެވެ. އެގޮތުން އެޕްރީލް މަހު ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އޭރު ބޮޑެތި ލުއިތަކެއް ދިނެވެ. އެގޮތުން އެންމެ ބޮޑު ލުޔެއްގެ ގޮތުގައި ދީފައިވަނީ، މާލެއިން ވޯޓުލުމަށްޓަކައި ރަށްރަށަށް ދިޔުމުގެ ފުރުސަތު ދިނުމެވެ. އެއާއެކު ގިނަ ރަށްތަކަށް ބަލި މިހާރު ވަނީ ފެތުރިފައެވެ.