14 Feb 2012, 17:09
ގދ. ނަޑެއްލާ ބަނދަރު ސަރަހައްދުގައި ބަންނަމުން ދިޔަ ފައިބަރު ލޯންޗެއްގައި ބަޔަކު ރޯކޮށްލައި ބޭނުންނުކުރެވޭ ވަރަށް އަންދާލައިފި އެވެ.
ގދ. ނަޑެއްލާ ކައުންސިލުން ބުނީ އެ ލޯންޗުގައި ބަޔަކު ރޯކޮށްލާފައި ވަނީ ރޭ ދަންވަރު ދޭއް ޖަހާއެހާކަންހާއިރު ކަމަށާއި ލޯންޗަކީ ނަޑެއްލާ ސޫރަޖްގޭ އަބްދުލް އަޒީޒް އަލީގެ ލޯންޗެއް ކަމަށެވެ. އަދި ލޯންޗު މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.
އެކަމާ ގުޅޭ ގޮތުން ޕޮލިސް މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޕޮލިހަށް އެކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި 28 ފޫޓްގެ އެ ލޯންޗަކީ އެއްކޮށް ބަނދެނިމި ބާލަން ތައްޔާރުވެފައިވާ ލޯންޗެއް ކަމަށެވެ. އަދި ލޯންޗާ އެކު ލޯންޗު ބަންނަން ޖަހާފައި ހުރި ހަރުގެ ވެސް އެއްކޮށް އަނދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާރު އެ ރަށުން އެކަކު ހައްޔަރު ކުރެވިފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ޕޮލިހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން މިހާރު އަންނަ ކަމަށެވެ.
ދޯނީގެ ވެރިފަރާތް، އަބްދުލް އަޒީޒް އަލީ ބުނީ އެ ލޯންޗަކީ ކުރިއަށް އޮތް ހަފްތާ ތެރޭގައި ބާލަން ތައްޔާރުވަމުން ދިޔަ ލޯންޗެއް ކަމަށާއި ލޯންޗު އެނދުމުން ފަސް ލައްކަ ރުފިޔާގެ ގެއްލުމެއް އެފަރާތަށް ލިބުނު ކަމަށެވެ.