08 Jun 2021, 20:24
ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ޕާލިމަންޓްރީ އިންކުއަރީއަށް ހުރަސް ނާޅާނެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުވާނެކަމަށް ޑިފެންސް މިނިސްޓްރީން މަޖިލީހަށް އެނގުމުން, އިންކުއަރީއަށް ސަރުކާރުން ހުރަސް އަޅާކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތުކޮށްފައެވެ. އަދި އެކަމަށް ހުރަސް އަޅަނީ, ސީދާ ރައީސް ސޯލިހު ލޮބީކުރައްވައިގެން ކަމަށް ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދުގެ ފަރާތުން މެސެޖެއް ފޮނުއްވާފައިވެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެ އިންކުއަރީއަށް ސަރުކާރުން ހުރަސް ނާޅާކަން އެ މައްސަލަ ބަލާ މަޖިލީހުގެ 241 ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ކަމަށެވެ.
ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކުރުމާ ގުޅޭ ގޮތުން އެމެންއެފްއިން ނެރުނު ބަޔާނަކީ, ސިފައިންގެ ގާނޫނާ ހަވާލާދީ ނެރުނު ބަޔާނެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެ ބަޔަނާއެކުވެސް, ކޮމިޓީއަށް އެއްބާރުލުން ދެމުން ގެންދާކަން ކޮމިޓީގެ މުގައްރިރު ވިދާޅުވެފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް ހުރަސް ނާޅާނެކަން, އެމަނިކުފާނު އެހެން ވިދާޅުވެފައި އޮތް ނަމަވެސް," ރައީސް ސޯލިހު ވިދާޅުވި އެވެ.
އެހެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ ވަރަށް ނުރައްކާތެރި ބިރުވެރި ހަމަލާއެއް ކަމަށާއި ނަމަވެސް މިހާރު އެ ހަމަލާގެ އަސްލު ގެއްލޭ ގޮތަށް ކަންކަން އެބަދާ ކަމަށެވެ. އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކަށްވާންވީ, އެފަދަ ކަމެއް ހިނގިޔަ ނުދިނުމަށް އެންމެ އެކީ ކުރެވެން ހުރި ކަންކަން ކުރުން. ކާކުތޯ އެކަން ކުރީ، ކޮންބައެއް ބުނެގެންތޯ, އަދި އެކަމަށް ހަރުދުފައިވޭތޯ, ނުވަަތަ އެހެން ބަޔަކު އެހެން މަގުސަދެއްގައި ކުރި ކަމެއްތޯ ބެލުން. މުޅި ގައުމުގެ އެކަމުން ސަލާމަތްކުރުމަށް ކުރެވެން ހުރި ކަންކަން ކުރުން. އެއާ ހިލާފަށް މި ފެންނަނީ އޭގެން ނެއްޓި މުޅިން އެހެން ދިމާލަކަށް އަމާޒު ހިފައިގެން ދާތަން،" ރައީސް ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 241 ކޮމިޓީގެ މުގައްރި މުހައްމަދު އަސްލަމް ވިދާޅުވީ, އިންކުއަރީއަށް ސަރުކާރުން ހުރަސް ނާޅާ ކަމަށާއި ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުންވެސް ލިބޭ ކަމަށެވެ.