08 Jun 2021, 19:54
ފެނާއި ނަރުދަމާ ނިޒާމުތައް ބަލަހައްޓާ މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް މިނިސްޓްރީ އޮފް އެންވާރަމަންޓް, ކްލައިމެޓް ޗެންޖް އެންޑް ޓެކްނޮލޮޖީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ދެމެދު ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާ އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.
އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ތަމްރީނަކީ ފެނާއި ނަރުދަމާގެ ނިޒާމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވަކި ޓެކްނިކަލް ފެންވަރަކަށް ތަމްރީނުކުރުން ކަމާށެވެ.
މިނިސްޓްރީން ބުނީ މިއީ ސެޓްފިކެޓް ލެވެލް 3 ފެންވަރުގެ ޕްރޮގްރާމެއް ކަމަށާއި, ބޭނުމަކީ ފެނާއި ނަރުދަމާގެ ގައުމީ ސްޓްރެޓީޖިކް ޕްލޭނުގައިވާ ގޮތުގެ މަތިން 2023 ނިމުމުގެ ކުރިން ފެނާއި ނަރުދަމާ ނިޒާމުތައް ހިންގާ ބަލަހައްޓާ އޮޕަރޭޓަރުން ސެޓްފިކެޓް ލެވެލް 3 ފެންވަރަށް ތަމްރީނުކޮށްފައި ބޭތިއްބުން ކަމަށެވެ.

ގާތްގަނޑަކަށް 395,000 ރުފިޔާއަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގެ ދަށުން ހއ., ހދ., ށ., އަތޮޅުގެ އިތުރުން ޖީސީއެފް ފަންޑުގެ ހިލޭ އެހީގައި ސަރުޚާރުން ފެނުގެ ނިޒާމު ގާއިމުކުރާހަތަރު ރަށް ކަމުގައިވާ ހދ. ނޮޅިވަރަންފަރު, ށ. ފޯކައިދޫ, ރ. މަޑުއްވަރީ އަދި ބ. ދަރަވަންދޫގެ ފެނާއި ނަރުދަމާގެ ޔޫޓިލިޓީ ހިދުމަތްދޭ ކުންފުނިތަކަށް އަމާޒުކޮށް, ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.
އެންވާރަމަންޓް މިނިސްޓްރީން ބުނީ މިއީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ހަވާލުކުރި މަސައްކަތެއް ކަމަށެވެ.